އޮގަސްޓް 12، 13 ފާހަގަކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ ޚާއްސަ ހަފްލާއެއް މިރޭ އަލިމަސް ކާނިވާ ސްޓޭޖު ސަރަހައްދުގައި ބާއްވާނެ

12 އޮގަސްޓް 2009

އޮގަސްޓް 12، 13 ފާހަގަކުރުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ ޚާއްޞަ ހަފްލާއެއް 12 އޮގަސްޓް 2009 (މިރޭ) އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދުގައި އޮންނާނެއެވެ.

ހިތްވަރުހޯދުމުގެ ދުވަސްތަކުގެ ގޮތުގައި އެމްޑީޕީން ފާހަގަކުރާ މި ދެ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޚާއްސަ ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި، އެމްޑީޕީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން މިރޭ 10:45ން 12.00 އަށް ކުލަޔެލޯގެ ލައިވް މިއުޒިކް އޮންނާނޭ ކަމަށް މިހަފްލާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ.

2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ގިނަ އަދަދެއްގެ މީހުން ޖުމްހޫރީ މައިދާނަށް އެއްވެ އޭރުގެ ސަރުކާރާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސިޔާސީ އަދި އިޖްތިމާއީ އިސްލާހަށް ގޮވާލިއެވެ. އަދި އެ އެއްވުން ފުލުހުން ރޫޅާލުމަށްފަހު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ނުވަތަ ހައްޔަރު ކުރެވުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ.