ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި

20 ޖުލައި 2010

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހުށަހެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައި، އެޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި، އެޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އުފައްދައި، ނުވަތަ ޤާއިމުކޮށް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވާތީއެވެ.

މިގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިހުށަހެޅުއްވީ، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން، އެކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި، އެޤާނޫނުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޢާންމުކޮށް އިޢްލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަންފުޅެވެ. މި 8 ބޭފުޅުންގެ ތެރެއިން އެކޮމިޝަނަށް ޢައްޔަން ކުރައްވާނެ 5 ބޭފުޅެއްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 8 ބޭފުޅުންގެ ނަންފުޅުތަކަކީ:

1. އަޙްމަދު ސަލީމް މ. މާހުރާ
2. މަރްޔަމް ޢަޛްރާ އަޙްމަދު މ. ހުކުރަދިގެ
3. މުޙަންމަދު ވަޙީދު މ. މޫންޑްރޮޕްސް
4. ފާޠިމަތު ނާހިދު ޝާކިރު ގ. ރަތްމިނާ
5. މަރްޔަމް ޝެނިން މއ. ފޮސީތިއާ
6. އަޙްމަދު ޠަލާލް ހ. އައްޑޫގެ
7. ޖީހާން މަޙްމޫދު ޅ. ހިންނަވަރު ދޭލިޔާއާގެ
8. ޢާއިޝަތު އާނިޔާ ހ. މެލައިމް

މިބޭފުޅުންގެ ތެރެއިން އަޙްމަދު ސަލީމާއި، މަރްޔަމް ޢަޛްރާ އަޙްމަދަކީ މިހާރުވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުންނެވެ.