މެންބަރުންގެ ޚިޔާލު: ފުލުހުންގެ މަސައްކަތަށް މަރުޙަބާ! .

20 ޖުލައި 2010

ލިޔުނީ: ފުނަމާ

ކޮރަޕްޝަން ނައްތާލުމައް މިހާރު ސަރުކާރުން ފައްޓަވާފައިވާ ގިނަގުނަ އެހާމެ އުނދަގޫބޮޑު މަސައްކަތުގައި ފުލުހުން ވަޤުތުން ފިޔަވަޅު އަޅުއްވާން ފެއްޓެވި ކަމީ ދިވެހި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމާމެދު ފުލުހުންގެ މުއައްސަސާގެ ވެރީން ވިސްނަވާ މިންވަރާއި އަދި ފުލުހުންގެ ޤާނޫނު ތަންފީޒުކުރެއްވުމުގައި ކިތަންމެ ގޮންޖެހުންތަކެއް ހުރިނަމަވެސް އިޚްލާސްތެރިކަމާއެކު އެބޭފުޅުންގެ ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ދެމި ތިއްބެވިކަން ސާބިތު ކޮށްދިން ކަމެކެވެ.
އެނގި ހާމަވަމުންދާގޮތުގައި ކޮރަޕްޝަންގެ ނުބައި ބަލިމަޑުކަން މިޤައުމުގައި މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިފަނި ވަދެ ކައިލޯވަޅުނާޅާ އެންމެ ތަންފުކެއްވެސް މިޤައުމަކުނެތެވެ. މުސްތަޤިއްލު މުއައްސަސާތަކާއި ދައުލަތުގެ ބާރުތަކުން ބައެއްފަހަރު ކަންކުރަމުންގެންދާ ދެފުށްދެގޮތް ކަން ހާމަވުމުން މިކަމަކީ އެފަދަ ފަރާތް ތަކުގެވެސް ނާރުތަކާގުޅި ލެޔާއެކުވެފައިވާ ކަމެއްކަން އެނގެއެވެ.
ތަނެއްގައި ރިޝްވަތު ޢާންމުވެ އަދުލު އިންސާފު ޤާއިމްކުރުން ނެތިވެހިނގައިގޮސް އިންސާފާއި ޤާނޫނަކީ ހަމައެކަނި ބޮޑެތި މަހުޖަނުންގެ މުށުތެރޭގައި އޮންނަ އެއްޗެއްކަމުގައި ވެއްޖެނަމަ އެތަނެއްގެ އަހުލުވެރީންނަށް ކުރިމަތިވާނޭ މުސީބާތާއި ވަބާއާއި ބެހޭގޮތުން ޢިލްމުވެރީން އެދައްކަވާ ވާހަކަތަކަކީ ހާސަރު ތަކެއްކަމުގައި ހީކުރަނީހެއްޔެވެ؟ ގައިމުވެސް އެހެނަކުން ނުވާނެއެވެ. ދުނިޔޭގެ ތާރީޚުން މިކަން ނިކަން ދެކި ބިރުވެތިވެބަލާށެވެ. ތިމާމެން ބޭނުންވެއްޖެ ހިނދެއްގައި މިއީ ސައްތައިން ސައްތަ މުސްލިމުންނޭ ބުނެ ގޮވާއިރު އީމާންކަން މަތީހުރެ ރިޝްވަތު ނުހިފާނެކަން ނޭނގެނީހެއްޔެވެ.؟
ފުލުހުންނަކީ މިފަދަ ކަންކަން ބަލައި ފާރަލާ ހިފައި ރާއްޖޭގައި ރޫލް އޮފް ލޯވ ޤާއިމްކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާން ތިބި މަސްއޫލްވެރީންނެވެ. ޤައުމުގެ ޚިޔާނާތްތެރީން އެތިބީ މިސަރުކާރު ވައްޓާލައިގެންވިޔަސް ކޮރަޕްޓު މީހުންގެ ޙިމާޔަތުގައެވެ. ކޮރަޕްޓު މީހުން ދޫނުކުރާނަމަ ނުވަތަ ހައްޔަރު ކުރާނަމަ މަޖްލިސްވެސް ހުއްޓުވާނެއެވެ. ބޭރު ޤައުމުތަކައް ދަތުރުކޮށް ރާއްޖެއަށް ލިބޭންހުރި އެހީތައްވެސް ހުއްޓުވާނެއެވެ. ގުންޑާއިން ނެރެ ވަޅިހަރައި މީހުންވެސް މަރާނެއެވެ.
މިއަދު ދީފައިވާ މީޑިޔާގެ މިނިވަން ކަމޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބުނަމުން ޓީވީ ޗެނެލްތަކުގައި ގޮވައިނަގަނީ ލޭއޮހޮރުވުމަށެވެ. ފަސާދަކުރުމަށެވެ. ޤާނޫނީ ގޮތުން ހޮވިފައިވާ ސަރުކާރު ވައްޓާލުމަށެވެ. އިސްލާމީ މިޤައުމުގެ ވަލީއުލް ޢަމްރު ދަންޖެއްސުމަށާ މަރާލުމައް އެދަނީ ގޮވަމުންނެވެ.
1978 ވަނައަހަރު މައުމޫނިޒަމް ފެށުމާއެކު ކުރީގެ ސަރުކާރުގައި ތިބިހާބަޔަކު މަގުމައްޗައްނެރެ ގަންހިންގާހެދީ ބޭރުމީހަކު ފޯނުން ދައްކާލި ވާހަކަތަކެއް ރައްޔަތުންނައް އަޑުއިއްވާފައި އެއީބަހަނާއަކަށް ހަދައިގެންގެންކަންވެސް މިއަދު ކަންކުރިމީހުން ހަނދާންހުރިހެންނެއްހީއެއްނުވެއެވެ. ދިވެހި ކިޔަވާކުދީންނާއި އާރެއްބާރެއްނެތް ރައްޔަތުން މައުމޫނީ އަނިޔާވެރިކަމުގެ ކިއްލާ ބިނާކުރުމައް ރެޔާދުވާލު މަގުތަކައް ނެރެ ލާހޫރުވީ ކިހިނެއްކަން މިއަދު އެމީހުން ހަނދާން ނެތީހެއްޔެވެ؟ ރާއްޖެތެރޭގެ ނިކަމެތި މަސްވެރީން އެކަމުގައި ބައިވެރިނުވެ އަނބިދަރީންގެ މައީޝަތައްޓަކައި މަސްވެރިކަންކުރާން ދިއުމުން ދަމާގެނެސް ބާޣީންނަށް ހެދިކަން ހަނދާން ނެތީހެއްޔެވެ.؟ ކުރީގެ ޢިއްޒަތްތެރީންގެ ގޭގެއަށް ގޯނިދިދަނަގައި މީޑިޔާތަކުން އެފަރާތްތަކާ ދިމާލަށް ބެރެކި އަންބާ ކިޔުއްވިއިރު ތިމާމެންގެ ހާލު އާޚިރުގައި ނިމިހިނގައިދާނެ ގޮތާއިމެދު އެންމެފަހަރަކުވެސް ވިސްނާލިހެއްޔެވެ؟
ހަނދާން އެބަހުއްޓެވެ. މާލޭގައި ކުރީގައި އުޅުއްވި މީހުންގެ ޤަދަރާ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި މީދޫ ޢަޒީ އަކީ އަތޮޅުވެރިކަން ކުރެއްވުމުގައިވެސް އުޅުއްވި ފަރާތެއްކަމުން ރާއްޖެތެރޭގެ ގިނަ ބޭފުޅުންނާއިވެސް އެކުވެރި ބޭކަލެކެވެ. ކަންދިމާވިގޮތުން އަލުގަނޑަކީވެސް ގިނަދުވަސްތަކެއްގައި އަޒީއާއި ފެނިދެނިވެ އުޅޭން ޖެހުނު މީހަކީމެވެ. އެއްރެޔަކު އަޅުގަނޑާ އަޒީއާ ބައްދަލުވީ އަޅުގަނޑު މާލެއިން ރާއްޖެތެރެއަށް ދިއުމައް ފުރާން އުޅެނިކޮށެވެ. އެއިރު އަޒީހުންނެވި ޙާލުކޮޅު ފެނި ހިތަށް ތަދުވިއެވެ. ގާތަށްޖެހިލައި ސަލާމްކޮށްލަމުން އަޅުގަނޑަކީކާކުކަން ދެންނެވުމުން އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ދަރުމާރުކޭޓު ކައިރީ ހުންނަވައި އެދެއްކެވި ވާހަކަތައް މިއަދުވީކަމެއްހެން ހަނދާން އެބަހުއްޓެވެ. މައުމޫނުގެ ސަރުކާރުން އޭނާ އޭއްޗެކޭ މީއްޗެކޭ ކިޔާހައްޔަރުކޮށް އެދިން އަނިޔާއާއި އިސްތިއުނާފުން އޭނާދޫކޮށްލުމުން ގެއަށްވަޑައިގެންނެވިއިރަށް އަނެއްކާ ގެންގޮސް ހައްޔަރުކޮށް އެދިން އަނިޔާތައް އޭނާ އެކިޔާދެއްވި އަޑުއިވުމުން ކިތަންމެ ހަރުހިތެއްނަމަވެސް މަޑުވެދާނެކަން ކަށަވަރެވެ. އޭގެފަހުން ގިނަދުވަސްތަކެއްނުވެ އަޒީވަނީ މައުމޫނުގެ އަނިޔާވެރި ކަމުގެ ދުނިޔެ ދޫކުރައްވައި ﷲގެ ތަނަވަސް ރަޙްމަތަށް ދަތުރު ކުރައްވާފައެވެ.
މިއީ މައުމޫނީ އަނިޔާވެރިކަމުގައި ނައްތާލި އެތަކެއްހާސް މީހުންގެ ތެރެއިން އެންމެ މީހެކެވެ. މިކަހަލަ އެތައް އަޝްރާފުންނެއް ލިސްޓުން ފެންނާން އެބައޮތެވެ. މަޝްހޫރު ޝަފީގުގޭ ޝަފީގުއާއި ޢަލީމޫސާދީދީ ފަދަ ކިތަންމެ ދިރިހުރި މިސާލެއް މިއަދުވެސް އެބަތިއްބެވެ. އަނިޔާގެ ވާހަކަ ދައްކާން ބޭނުންނަމަ މިފަސްއަހަރު ކީއްކުރަން އަދި 30 އަހަރުވެސް މައުމޫނުގެ ނުބައި ނުލަފާ ޖައްބާރުކަމުގެ ވާހަކަ ދައްކާން ވާނީ މަދެވެ.
ނަމަވެސް މިއަދު އޭނާއަށް އަޅުކަންކުރާ ބަޔަކު ނުކުމެ އަދިވެސް އެއަޖޫޒުކަލޭގެ ވެރިކަމައް ގެންނާން އެއުޅެނީއެވެ. ރައްޔަތުން އިންތިޚާބުކުރި ރައީސް މަރާލައިގެން ވިޔަސް ވެރިކަން ދެދަތްޕިލާދެމެދު ލައިގެން އޮންނާން ބޭނުންވެ އެދަނީ ގޮވައި ހޭރެމުންނެވެ. މުޅި މިޤައުމު ފަސާދަކޮށް ކޮރަޕްޝަނުގެ ވަބާގައި ޖައްސައިފިއެވެ. މިނުލަފާ މަލްއޫނުން ވަދެތިބީ ކޮންމެތާކު ކަމުގައިވިޔަސް ދަމާނެރެ ފިސާރި އަހުވަ ދައްކައިގެން މެނުވީ މިޤައުމުން މިބޭރަށްހިންގުން ކެނޑޭކަށް ނެތެވެ.ދައުލަތުގެ މާލިއްޔާ ދިރުވާލައިގެންތިބި ރައްޔަތުންގެ ބޭންކު އަމިއްލަ ސުންބުއްޔަކަށް ހެދި ނުޙައްޤުން ދައުލަތުގެ މާލިއްޔާއިން ހިތުހުރިވަރަކަށް ނަގައިގެން ގެދޮރާއި ހަވޭލި އަލައިގެންތިބި ޚިޔާނާތްތެރީން ހިފާ ހައްޔަރުކުރާން ލަސްވެސް ވެއްޖެއެވެ.
މިވެރިކަން ފެށި ކުރީން ރާއްޖޭގައި ހިނގިފަދަ ކަންކަން އަނބުރާ ތަކުރާރުނުކުރެއްވުމަށް ރައީސް ނަޝީދު އަޒުމު ކަނޑައަޅުއްވައި ކުރިޔަށް ވަޑައިގަންނަވާން އުޅުމުން ހަމަހިލާ އެގޮތަށް އެކަންކުރާން އެއަނިޔާވެރީން ފުރުސަތެއްނުދިނެވެ. ރައީސް ނަޝީދުގެ މަގުޗާޓާ އެއްގޮތައް އެމީހުންނާމެދު އޯގާތެރިވެ އެމަގުން ވަޑައިގަންނަވާން ފުރުސަތުނުދިނުމުން ވިދާޅުވި ފަދައިން ޗާޓުން ބޭރުވެ ވަޑައިގެން ނަމަވެސް މިކަން ކޮޅަކު ޖައްސާން ވެއްޖެއެވެ.
ވިސްނާ ވަޑައިގަންނަވާށެވެ. ﷲ ތަޢާލާ އަށްވުރެ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ލޯބިވެ ވޮޑިގެންވާނޭ އެހެން އެއްވެސް މަޚްލޫޤެއް މިދުނިޔޭގައި ޔަޤީނުންވެސް ނުވާނެއެވެ. އެހެންކަމަށް ވީއިރު އެއިލާހުގެ އަޅުތަކުންގެ މައްޗަށް ކުށްކުށުގައި ހައްދު ކަނޑައަޅުއްވައި އެކަން ތަންފީޒުކުރުމަށް އެއިލާހުގެ ޚަލީފާއިން ކަމުގައިވާ އިންސާނުންގެ ތެރެއިން އެވެރީންނަށް އަންގަވާ މަތިވެރި އަމުރުފުޅުން އަމުރުކުރައްވާފައި އެވަނީވެސް ހަމަ އިންސާނިއްޔަތަށްޓަކައެވެ. ހޭއަރާށެވެ. އަނިޔާވެރި މުޖްރިމުންނާމެދު ދޫދިނުމެއްނެތެވެ. އެއުރެން އަޅުކަންކުރާނީ މާއްދިއްޔަތަށާ އިބިލީހަށެވެ.
ދިވެހި ފުލުހުން ތިފެއްޓެވި މަސައްކަތުގައި ފިސާރި ސާބިތުކަމާއެކު ކުރިއަށްވަޑައިގަންނަވާށެވެ. ޤައުމުގެ އެހެންދިމަދިމާލުން ކޮރަޕްޓުމީހުން ނަންގަވާއިރު އެމްޑީޕީގައި އެފަދަމީހުން ތިބިނަމަ ކުޑަކުޑައިޝާރާތެއް ކޮއްލައްވާށެވެ. އަޅުގަނޑުމެން އެމީހަކު ހިފައި ހައްޔަރުކޮށް ތިބޭފުޅުންނާއި ޙަވާލުކުރާނީ ފިސާރިކެރިގެންނެވެ. ޕޮލިސް ކޮމިޝަނަރއަށް ފަށްފަށުން މަރްޙަބާދަންނަވަމެވެ. އެމްޑީޕީގައި އެފަދަ އިސްމީހުން ތިބިނަމަ ހޯއްދަވައި އުފުރާލަދެއްވުމުން އަޅުގަނޑުމެން މަނިކުފާނަށާ މަނިކުފާނުންގެ ފޯސްއަށް ހަޅޭއްލަވައި ދުއްތުރާކުރުމުގެ ބަދަލުގައި ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރާނަމެވެ.