ރައީސް މުޙައްމަދު ނަޝީދު ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރާއި މިއަދު ބައްދަލުކުރަވައިފި

untitled-1227-700x466

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ޓޯނީ ލައިލްއާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު މިބައްދަލުކޮށްލެއްވުން އޮތީ ދިވެހިރާއްޖޭގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

އދ.ގެ އިސްއޮފިޝަލުންނާއި އެކު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖޭގައި ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުންނެވެ. އިންތިޚާބު އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މުހިއްމުކަމާމެދު މަޝްވަރާކުރެވުނެވެ. އަދި ވޯޓުލުމާއި، ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއިއެކު ވެރިކަން ހަވާލު ކުރުމުގެ އިންތިޒާމްތަކާއި މެދުވެސް މަޝްވަރާކުރެވުނެވެ. އަދި އިންތިޚާބު ނިމުމުން ބަގާވާތުގެ ވެރިން ކޮށްފާނެ ކަންކަމާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިއަދު ބައްދަލުކުރެއްވުމުގައި ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ވައްޓާލުމާ ގުޅޭ ގޮތުން ތަހުގީގް ކުރުމަށް އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓު ތަންފީޒުވެފައިނުވާތީ އެކަމާ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މިކަން އިތުރަށް ބައްލަވައި ކޯނީ ރިޕޯޓު ތަންފީޒުކުރުމަށް ބާރުއެޅުއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

މީގެ އިތުރުން މިހާރު މިޞްރުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ޑިމޮކްރަޓިކް ސަރުކާރެއް ޤާއިމުކުރުމަށް އަވަސް އިންތިޚާބެއް މިޞްރުގައި ބޭއްވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބެމުން އަންނަ ގެއްލުންތަކާ ގުޅޭ ގޮތުންވެސް ވާހަކަދެކެވުނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ރައްްޔިުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މާރިޔާ ދީދީއާއި، ރައްްޔިުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި، ރައްްޔިުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އީވާ އަބްދުﷲ އަދި ޗެއަރ ޕަރސަންގެ ނައިބު އަލީ ޝިޔާމް ބައިވެރިވެވަޑައިގަތެވެ.