މެމްބަރުންގެ ޚިޔާލު: ދިވެހި ފުލުހުންނާއި ސިފައިންނަށް ޖެއްސުން ނުކުރާށެވެ.

20 ޖުލައި 2010

ލިޔުނީ: މުޙައްމަދު މުއާޒް (މޯލާ)

ދިވެހިރާއްޖޭގެ ޤައުމީ ސިފައިން އުފެދިފައިވަނީ މުޙައްމަދު ޝަމްސުއްދީންގެ ދުވަސްވަރު 29 މާޗް 1933 ވަނަ އަހަރުގައެވެ. 1933 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ސިފައިން އުފެދުނު ނަމަވެސް ޤައުމު ފާލުންނައްޓާ އެތަކެއް ޖަރީމާތައް ހިންގަން ފެށިފައިވަނިކޮށް، ޤާނޫނީ ޝަކްސެއްގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސް އުފެދުނީ 2004 ވަނަ އަހަރުގައެވެ. އެއިރުއްސުރެ މިއަދާ ޖެހެންދެންވެސް ފުލުހުންއަންނަނީ ވަރަށް ބޮޑު ޤައުމީ ޒިންމާތަކެއް އަދާކުރައްވަމުންނެވެ. ޤައުމެއްގެ އަމާން އޮމާންކަމާއި ސުލްހަމަސްލަސްކަން ޤާއިމްކުރުމަށް އެންމެ އިސްވާޖިބެއް އަދާކުރަމުންގެންދާ ބަޔަކީ އެޤައުމެއްގެ ފުލުހުންނާއި ސިފައިންކަމާއިމެދު ޝައްކެއްވެސްނެތެވެ. މިއަދު ޤައުމު މިއޮތް ހާލަތުގައި ފުލުހުން އެކުރަމުން ގެންދާ ބުރަ މަސައްކަތްފުޅަކީ ވަރަށްވެސް ޒިންމާދާރު މަސައްކަތްތަކެވެ. ފުލުހުން އެކުރައްވަމުން ގެންދަވަނީ ވަކިފަރާތަކަށް ބުރަނުވެ ވަކިފަރާތަކުން ދައްކާނެ ބިރަކަށް ބެލުމެއްނެތި ދިވެހިރައްޔަތުންނަށްޓަކައި ކުރާމަސައްކަތްތަކެވެ.
ދުވަހެއް ދުވަހަކަށް ފުލުހުންގެ މަސައްކަތްދަނީ އެތައްތަނަކުން ކުރިއަރަމުންނެވެ. ބޮޑެތި ތަހުޤީގްކޮށް ޖަރީމާތައް ހުއްޓުވަމުންނެވެ. މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ބުރަމަސައްކަޕުޅުތަކެއް ކުރައްވަމުންނެވެ. ފުލުހުންގެ މަސައްކަތް މިގޮތަށް ހުރިއިރު ވޭތުވެދިޔަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާލުން ކީއްތޯއެވެ. މިގޮތުން 2009 ވަނަ އަހަރު ޖުމްލަ 17963 މައްސަލައެއް ހުށައެޅި އޭގެތެރެއިން 11864 މައްސަލައެއްގެ ތަހުޤީގް ނިންމާފައިވެއެވެ. އަދި ޕްރޮސެކިއުޓާރ ޖެނެރަލްއަށް 3414 މައްސަލައެއް ހުށައެޅުނު އިރު ކޯޓްތަކުން ނިމިފައިވަނީ އެންމެ 1000 މައްސަލައެވެ. މިހިސާބުތަކަށް ބަލައިލުމުން ދިވެހިރާއްޖޭގެ ކޯޓްތަކުގެ ސޫރަ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނެއެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމް މިވަނީ އަދުލުން އެއްކިބާވެ ތިއްބެވި ބައެއް ބޭފުޅުންގެ ސަބަބުން މަރުގެ ތުންފަތްމަތީގައެވެ. ކޮންމެއަކަސް ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނަނީ ”ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ލިބިގަތުމަކީ ހަމަކޮންމެ މީހެއްގެވެސް ޙައްޤެކެވެ.” ހަމަ މިޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނަނީ ” ދިވެހި ދަޢުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.” މިގޮތަށް ޤާނޫގައި ލިޔެފައި އޮއްވާ މިހާރު ކަންތައްތައް ކުރިއަށް މިދާގޮތުން އަދުލު އިންސާފު ހޯދުމަށް ގާޒީންގެ ގޭދޮށަށް ކޯޓްތަކުގެ އަސްކަނިތަކަށް ދާންޖެހޭ ހިސާބަށް މިއަދު ޖެހިފައިވާކަމަށް އަޅުގަނޑުގެ އަމިއްލަ ޒަމީރު ގަބޫލްކުރަމެވެ.
ސަބަބުތައް ވަރަށް ސާފެވެ. ކޮރެޕްޝަނުގެ މައްސަލަތައް ތަހުޤީގް ކުރާ ފުލުހުން ސަސްފެންޑްކޮށް އެބޭފުޅުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅައި މަސްތުވާތަކެތީގެ ހާއްޔަކަށް މިޤައުމު ހެދުމުގެ މަޤްސަދުގައި އެފަދަ ފަރާތް ހައްޔަރު ކުރުމުގެ ކޯޓް އަމުރު ނުދޭ ކަމަކީ އަޅުގަނޑެކޭ އެއްފަދައިން ބުއްދި ސަލާމަތުން ހުރި ކޮންމެދިވެއްސަކަށް ވެސް އެނގޭނެކަމެކެވެ. މިހާތަނަށްވެސް ކޯޓަށް ހުށައެޅުނު ބޮޑެތި މައްސަލަތައް ހެކިސާބިތު ނުވާކަމަށް ބުނެ ކޯޓުން ވަނީ ނިންމާފައެވެ. ކަނޑައެޅިގެން އަދުލު އިންސާފުން އެއްކިބާވެފައި ތިބި ގާޒީން ހުރަސްއެއަޅަނީ ދިވެހިރައްޔިތުންގެ ބާރުކަނޑުވާލުމަށެވެ. ދިވެހި ރައްޔިތުންގެ ބާރުކަނޑުވާލުމަށް މަސައްކަތްޕުޅުކުރައްވާ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވާފައި ގެއަށްވަޑައިގަތުން މާބުއްދިވެރިއެވެ. ދިވެހިރައްޔިތުން އަދި މިޤައުމުގައި ދިރިއުޅޭކަން އެބައި މީހުން ހަނދާން ނައްތާނުލާށެވެ.