އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ގެ ރަނިންގްމޭޓް އެމަނިކުފާނު ހާމަކުރެއްވުމާއި ގުޅިގެން އެމަގާމަށް ކަނޑައެޅުއްވި ޑރ.މުސްތަފާ ލުތުފީ އަށް އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީގެ މެމްބަރުން މަރުހަބާ ދަންނަވައިފިއެވެ. މިއަދު މެންދުރުފަހު އެމްޑީޕީގެ ސެކެޓޭރިއަޓް ގައި ބޭއްވުނު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ޖަލްސާ ގައި ރައީސް މުހަންމަދު ނަޝީދު ވަނީ ޑރ. މުސްތަފާ ލުތުފީ ގެ ގާބިލް ކަން ފާހަގަކުރައްވައި އެމަނިކުފާނަކީ އެމްޑީޕީގެ ވަފާތެރިއެއްކަމުގައި ވިދާޅުވެ ތަޢުރީފް ކުރައްވާފައެވެ.
ރަނިން މޭޓަކު ހަމަޖެއްސެވުމުގެ ކުރިން ރައީސް މުހަންމަދު ނަޝީދު ވަނީ އެމްޑީޕީން މިދިޔަ މަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އަދި އަމިއްލަފުޅުގޮތުން ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި އެ މަގާމަށް އައްޔަންކުރައްވަން ބޭނުންވާ ބޭފުޅެއްގައި ހުންނަން ޖެހޭނެ ސިފަތަކާމެދު މަޝްވަރާ ބަދަލުކުރައްވާފައެވެ.
ތަޢުލީމް ކުރިއެރުވުމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ އަކީ 07 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ބަޣާވާތާ ގުޅިގެން އެމްޑީޕީން އުފެއްދި 7 މެމްބަރުންގެ ކުއްލި ހާލަތު ކޮމިޓީގެ މެމްބަރެކެވެ. ހަމައެއާއިއެކު އެމަނިކުފާނަކީ އެމްޑީޕީ ރިޔާސީ ކެމްޕެއިން ޓީމްގެ އައްޑޫ ސިޓީގެ ކޯޑިނޭޓަރުވެސް މެއެވެ. އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެންމެފަހުން ޑރ. މުސްތަފާ ހުންނެވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުގަ އެވެ. ރައީސް މުހަންމަދު ނަޝީދުގެ ކެބިނެޓްގެ ތައުލީމީ ވަޒީރުކަންވެސް ކުރައްވާފައިވާ ޑރ. މުސްތަފާ ވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ހަމައެއާއިއެކު އެމަނިކުފާނަކީ މިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ހީވާގި މަސައްކަތްޕުޅުތަކެއް ކުރެއްވުމުގައި ދިގު މުއްދަތެއް ވޭތިކުރައްވާފައިވާ ބޭފެކެވެ.
ޑރ. މުސްތަފާ ލުތުފީ އަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ “ޑރ. މުސްތަފާ ލުތުފީ އަކީ މަޑުމައިތިރ،ި ސާދާ މިޒާޖެއްގެ ޙުލްގު ހެޔޮ، އޯގާތެރި އަދި އެމްޑީޕީ އަށް ވަފާތެރި ގާބިލް ބޭފުޅެކެވެ.”