ޤާސިމް އިބްރާހީމް ޖޭ.އެސް.ސީ ގެ ޤާނޫނާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުން އެ މެމްބަރުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މައްސަލަ މަޖިލީހުގެ ކޮމެޓީން ބެލުމަށް ހުށަހަޅައިފިއެވެ. އެ މައްސަލަ މިނިވަން މުވައްސަސާ ތަކާބެހޭ ކޮމެޓީއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ އެމް.ޑީ.ޕީ ގެ މެމްބަރ އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު އަންހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގަވަމުންދާ މަންޒަރު ދައްކުވައިދޭ ބަރަހަނާ ވިޑިއޯކަމަށް ބުނާ ވިޑިއޯގެ މައްސަލައާއި އަދި އެ ވިޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމޭލް ކުރަމުންދާ މައްސަލަ، ޖޭ.އެސް.ސީ އާއި ފުލުހުން ބަލަމުންދަނިކޮށް، ނުވަތަ އެމައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، ޤާސިމް އިބްރާހިމް ޖޭ.އެސް.ސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، އެ ވިޑިއޯ އަކީ “ދޮގު ވިޑިއޯ” އެއްކަމަށް ވިދާޅުވެ ތ.ހިރިލަންދޫގައި އޮތް ސިޔާސީ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައިވާކަމީ، އެމެމްބަރުގެ މުސްތަޤިއްލުކަން ގެއްލި، ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވިކަން ސާބިތުވާ ކަމަކަށް ވާތީއާއި، އަދި އެކަމުގެ ސަބަބުން ޖޭ.އެސް.ސީ ގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަން ގެއްލިދާ ކަމެއްކަން ޖޭ.އެސް.ސީ ގެ ޤާނޫނާއި އެންމެހައި ހަމަތަކުން އެނގޭތީ، ޤާސިމް އިބްރާހިމްގެ މައްސަލަ ބަލައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ތަކާބެހޭ ކޮމެޓީއަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލަ އެ ކޮމެޓީއަށް ހުށަހެޅުއްވުމަށް އިންތި ފޮނުއްވި ސިޓީގައި ޤާސިމް އިބްރާހިމް ޖޭ.އެސް.ސީ ގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި، އެ ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ޚިލާފުވެވަޑައިގެންފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އެއިން މާއްދާއަކާ ޖޭ.އެސް.ސީ ގެ މެމްބަރަކު ޚިލާފުވެއްޖެނަމަ، އެމައްސަލަ ޖޭ.އެސް.ސީ ގެ ރައީސް އަކަށް ހުންނަ މީހަކު މަޖިލީހުގެ ކޮމެޓީއަށާއި އަދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭނޭކަމަށް ޤަވާޢިދުގެ 34 ވަނަ މާއްދާގެ (ށ) ގައި ލާޒިމުކޮށްފައިވާއިރު، ޖޭ.އެސް.ސީ ގެ ރައީސް އެގޮތަށް އަމަލުކުރައްވާފައި ނުވާ މައްސަލަ ވެސް މިނިވަން މުވައްސަސާ ތަކާބެހޭ ކޮމެޓީން ބައްލަވައިދެއްވުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.