ޤާސިމް އިބްރާހީމް ޖޭ.އެސް.ސީ. ގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަން ގެއްލުވާލި މައްސަލަ ކުށްވެރިކުރުން

noosbayan

މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަދި ޖުމްހޫރީ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން، އެކޮމިޝަނުގެ ޤާނޫނާ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރައްވަމުން ގެންދަވާތީ، އެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު އަންހެނަކާއެކު ބަދުއަޚުލާޤީ އަމަލުހިންގަވަމުންދާ މަންޒަރު ދައްކުވައިދޭކަމަށް ބުނާ ވީޑިއޯގެ މައްސަލައާއި އަދި އެ ވީޑިއޯ ބޭނުންކޮށްގެން އޭނާ ބްލެކްމޭލް ކުރަމުންދާ މައްސަލަ ޖޭ.އެސް.ސީ އާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލަމުން ގެންދަނިކޮށް، ޤާސިމް އިބްރާހިމް ޖޭ.އެސް.ސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި، ވަކިފަރާތަކަށް ޖެހިވަޑައިގެން އެ މައްސަލަ ނިމުމުގެކުރިން ތ.ހިރިލަންދޫގައި އޮތް ޖަލްސާއެއްގައި ފަނޑިޔާރު ޢަލީ ޙަމީދުގެ އެ ބަރަހަނާ ވިޑިއޯއަކީ “ދޮގު ވިޑިއޯ” އެއްކަމަށް ވިދާޅުވެ ޖޭ.އެސް.ސީގެ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވާހަކަފުޅުދައްކަވާފައިވެއެވެ.

ޖޭ.އެސް.ސީގެ މެމްބަރެއްގެ ޙައިޞިއްޔަތުން ޤާސިމް އިބްރާހިމް ތަބާވެވަޑައިގަންނަވަންޖެހޭ ޖޭ.އެސް.ސީގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (7) ގައި ބުނަނީ މެމްބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، އެމެމްބަރެއްގެ މުސްތަޤިއްލުކަމާމެދު ސުވާލުއުފެދޭނެ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށާއި، ކޮމިޝަނުގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަމާމެދު، ސުވާލު އުފެދޭނެ ނުވަތަ އުފެދި ދާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށެވެ.

ހަމައެފަދައިން ޖޭ.އެސް.ސީ ގެ ހިންގާ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، މަޤާމުގެ ޙައިޞިއްޔަތުން މެމްބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެމްބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތު ހާމަކޮށްގެން ނުވާނޭކަމަށެވެ.

މިހެން މިކަން އޮތްއިރު، ޖޭ.އެސް.ސީ އިންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލަމުންދާ ބަރަހަނާ ވިޑިއޯގެ މައްސަލަ ވަކިގޮތަކަށް ނުނިމި ވަނިކޮށް، ޤާސިމް އިބްރާހީމް ޖޭ.އެސް.ސީގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން އެ ބަރަހަނާ ވިޑިއޯ އާމެދު ވަކިގޮތަކަށް ވާހަކަ ދެއްކެވުމަކީ އެ މެމްބަރުގެ މުސްތަޤިއްލުކަން ގެއްލި، އަދި ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވިކަން ސާބިތުވާކަމެއްކަމާއި، އަދި އެކަމުގެ ސަބަބުން ޖޭ.އެސް.ސީ. ގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަން ގެއްލިދާކަމެއްކަން ޖޭ.އެސް.ސީގެ ޤާނޫނާއި އެންމެހައި ހަމަތަކުން އެނގެއެވެ.
ހަމައެއާއެކު މިޤައުމުގައި ފާސިދުވެ، އަބުރުގެއްލި، އަދި ބްލެކްމޭލްކުރެވިފައި ނުވާ، “ޑޮލަރަށް ނުގުޑާ” ކޯޓުތަކެއް ޤާއިމުވެދާނޭތީ އެކަމާ އިދިކޮޅަށް މުގުލުގައި ހުންނެވި އެއްބޭފުޅަކީ ޤާސިމް އިބްރާހިމް ކަމަށް އޭނާގެ އެ އަމަލުތަކުން ހާމަވެއެވެ. އަދި މިކަމަކީ މި ޕާރޓީއާއި އިންސާފަށް އެދި ގޮވާ ދިވެހި އެންމެހައި ރައްޔިތުން ނުހަނު ކަންބޮޑުވާކަމެކެވެ.
އެހެންކަމުން ޖޭ.އެސް.ސީ ގެ މެމްބަރަކަށް އިންނަވައި، ޤާސިމް އިބްރާހީމް އެކޮމިޝަނުގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެވަޑައިގެން، ޖޭ.އެސް.ސީ. ގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަން ގެއްލުވާލެއްވި މައްސަލަ މިހިނދުން މިހިނދަށް ބަލައި ފިޔަވަޅު އެޅުމަށް ޖޭ.އެސް.ސީއަށާއި ރައްޔިތުންގެ މަޖިލީހަށް މި ޕާރޓީން ގޮވާލަމެވެ.

15 ޖުލައި 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް