ބިލެއްދޫގެ ބަނދަރާގުޅިގެން ޖެހިފައިވާ މައްސަލައަށް ހޯދައިދެވޭނީ ކޮންހައްލެއްތޯ ބެލުމަށް އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ 2 ބޭފުޅުން އެރަށަށް ކުރެއްވި ދަތުރު ނިންމަވާ މިރޭ މާލެ ވަޑައިގަންނަވާނެ

ލިޔުނީ:ޝަހީދާ

ބިލެއްދޫގެ ބަނދަރާގުޅިގެން ޖެހިފައިވާ މައްސަލައަށް ހޯދައިދެވޭނީ ކޮންހައްލެއްތޯ ބެލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ)ގެ ޕާލިއަމަންޓަރީ ގްރޫޕުގެ ދެ ބޭފުޅުން މިއަދު މެންދުރުފަހު ބިލެއްދޫއަށް ކުރެއްވި ދަތުރު ނިންމަވާ މިރޭ މާލެ ވަޑައިގަންނަވާނެއެވެ.

މިއަދު މެންދުރުފަހު ބިލެއްދޫއަށް ފުރާވަޑައިގަތުމުގެ ކުރިން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ “މިދަތުރަކީ ބިލެއްދޫގެ ބަނދަރާގުޅިގެން ޖެހިފައިވާ މައްސަލަތަކަށް ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުން އެދުނު ހިނދު ވެސް ސަރުކާރުން އެކަން ނުކޮށްދީ، އެ ކޮންޓްރޮކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީއިން ތަކެތި އަނބުރާ ގެންދިއުމަށް އަންގައި. އެ ހައްލަކީ ހޯދައިދެވޭނެ ހައްލަކަށް ވެފައި އޮއްވައި، ރައްޔިތުން އެކަމާ ދެކޮޅުހެދުމުން ރަޔަޓު ގިޔަރުގަ ފުލުހުން އެރަށަށް ދިއުން އެއީ ގަބޫލުކުރެވޭނެ ގޮތެއްނޫން ކަމަށްވުމާއެކު، ބިލެއްދޫގެ ރައްޔިތުންނަށް ހޯދައިދެވެން އޮތީ ކޮންއިންސާފެއްތޯ ގާތުން ބެލުމަށް ކުރާ ދަތުރެއްކަމެވެ.

ހަމްޒާ އިތުރަށް ވިދާޅުވީ ކަންކަން ހައްލުކުރަން ޖެހޭނީ ފުލުހުން މެދުވެރިކޮށްގެން ނޫންކަމަށާއި، ކަންކަން ހައްލުކުރަން ޖެހެނީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަމަށެވެ. ބަނދަރު ހެދުމަށް ދައުލަތުން 33 މިލިއަން ރުފިޔާ ހަރަދުކޮށްފައިވީނަމަވެސް އަދިވެސް ބަނދަރު އޮތީ ބޭނުން ނުކުރެވޭ ގޮތެއްގައިކަމަށެވެ. އަދި ރައްޔިތުން އެދެނީވަރަށްކުޑަކުޑަ ކަމެއް ނިންމާލުމަށް، އޭރުން ބަނދަރު ބޭނުންކުރަން ފެށޭނެކަމަށެވެ. އެކަން ކޮށްނުދީ ފައިބަން އުޅެ އަދި ރައްޔިތުން އެކަމާ އިހްތިޖާޖު ކުރާއިރުގަ އެތަނަށް ފުލުހުން ފޮނުވުމަކީ ގަބޫލުކުރާ ކަމެއްނޫންކަމަށެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ބިލެއްދޫގެ މައްސަލަ ޝެޑިއުލް ކޮށްފައިވާކަމަށްވެސް ހަމްޒާ ވިދާޅުވި އެވެ. އަދި އެ ކޮމެޓީއަށް އެމްޓީސީސީ އާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްވެސް ހާޒިރުކުރުމަށް ނިންމާފައިވާކަމަށްވެސް ހަމްޒާ ވިދާޅުވި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު އަލީވަހީދު ވިދާޅުވެފައިވަނީ،  ބަނދަރުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރަށް ކޮމެޓީއަށް ވަޑައިގަތުމަށް އަންގާފައިވަނިކޮށް ބިލެއްދޫއަށް ފުލުހުން ފޮނުވައިގެން ރައްޔިތުންނާއި ކުރިމަތިލުމަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށާއި، ކޮމެޓީޢަށް ދަންނަވާފަ އޮއްވަ އޭގެ ކުރިން ފުލުހުން އެރަށަށް ފޮނުވުން އެއީ ހަގީގަތުގަ މި މަސްރަހު އިތުރަށް ގޯސްކުރުމަށް ކުރާކަމެއްކަމަށާއި، ރައްޔިތުންގެ ބާރު މިކަމުގަ އަބަދުވެސް ގަދަވާނެކަމަށާއީ، ރައްޔިތުން ކުރިމައްޗަށް ފުލުހުން ރަޔަޓުގިޔަރުގަ އަރައިގެން މަޝްވަރާކުރަން ބޭނުން ނުވާކަމަށް އޮންނާނީ ދަންނަވާފަކަމުގައެވެ.