ރައީސް މުޙައްމަދު ނަޝީދު މެލޭޝީޔާގެ ބޮޑުވަޒީރާއި މިއަދު ބައްދަލުކުރައްވައިފި

photo1

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސިރި ނަޖީބު ތުން ރައްޒާޤާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ސެރި ޕެދާނާ ޕުތްރަޖާޔާގައެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނު ވާހަކަފުޅުގެ ތެރޭގައި ދިވެހި ސަރުކާރާއެކު މެލޭޝީޔާގެ އިންވެސްޓްމަންޓްތަކުން ކުރެވިފައިވާ ކޮންޓްރެކްޓްތަކަށް ބަގާވާތުގެ ސަރުކާރު އައުމަށްފަހު ކަންތައްތައް ހިނގާފައިވާ ގޮތާމެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޚާއްޞަކޮށް މާލޭ އިންޓާރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ޖީއެމްއާރ އިންވެސްޓްމަންޓް – މެލޭޝީޔާ އެއަރޕޯޓްސް ހޯލްޑިންގސް ކޮންސޯޓިއަމްގެ އެގްރީމަންޓު ފާހަގަކުރެއްވެވިއެވެ. ބޮޑުވަޒީރު ނަޖީބު ވިދާޅުވީ އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ވެވުނު އެއްބަސްވުން ބާޠިލްކޮށްފައިވަނީ ނަފްރަތުގެ ނަޒަރަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެއެވެ.

މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއިއެކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ބޭނުންވާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް އިތުބާރު ހުރި މާޙައުލެއް ޤާއިމް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ބަޔަކު މަލޭޝިޔާގައި ދިރިއުޅޭކަމަށާއި އެމީހުންނަށް ދިމާވާ ދަތިތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބައިނަލްއަޤްވާމީ ދުނިޔޭގެ ޙާލަތާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.