ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ މެންބަރު މުސްތަފާއާއި ޕީއޭ ނާޒިމް ހައްޔަރުކޮށްފި

20 ޖުލައި 2010

ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ފުލުހުން ހައްޔަރުކޮށްފިއެވެ.

މުސްޠަފާ އާއި އަހްމަދު ނާޒިމު ހައްޔަރުކުރެއްވީ މަދަނީ ކޯޓުގެ ޤާޟީއަކަށް 6،000 (ހަ ހާސް) ޑޮލަރު އަދި ބޭންކޮކް ދަތުރެއްގެ ދެކޮޅު ޓިކެޓު ދީފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ ޞުލްހަވެރިކަމާއިއެކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށެވެ. ނަމަވެސް ދެމީހުންވެސް އިންކާރުކުރުމުން ކޯޓު އަމުރެއް ހޯދައިގެން އެއަމުރުގެ ދަށުން ހައްޔަރުކުރީ ކަމަށާއި،

މުސްޠަފާ އެންމެ ފުރަތަމަ ދެކޮޅު ހެދިނަމަވެސް ފަހުން ވަނީ އެއްބާރުލުން ދީފައެވެ. ނާޒިމު އެއްގޮތަކަށްވެސް އެއްބާރުލުން ނުދިނުމުން ފުލުހުން ގ. އާބިން އަށް ވަނީ އެގޭގެ އެއް ދޮރު ވައްޓާލައިގެންނެވެ.