މަތި ދެކުނު ޕްރޮވިންސަށް އިރުގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓް ފޯރުވައިދިނުމުގެ އެގްރީމެންޓްގައި ސޮއިކުރައްވައިފި

19 ޖުލައި 2010

b2303e95600891090f6519df2b23eb09

މަތި ދެކުނު ޕްރޮވިންސްގައި ހިމެނޭ ހުރިހާ ރަށަކަށް އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ޚިދުމަތް ފޯރުވައިދިނުމަށް، އަޕަރ ސައުތް ޔޫޓިލިޓީޒް ލިމިޓެޑާއި، އިންޑިޔާގެ ބީ.ބީ.އެމް. އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު މިއަދު އެގްރީމެންޓެއްގައި ސޮއި ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑްގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙަންމަދެވެ. ބީ.ބީ.އެމް. އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ބީ.ބީ.އެމް ގްރޫޕުގެ ވައިސް ޗެއަރމަން ނަރަޔާނަން ޕްރަސާދެވެ.

މި އެގްރީމެންޓްގެ ދަށުން އިރުގެ ހަކަތަ ބޭނުންކޮށްގެން 24 މެގަވޮޓްގެ ކަރަންޓް އުފައްދާ ވަސީލަތްތައް، މަތި ދެކުނު ޕްރޮވިންސްގައި ޤާއިމުކޮށް، ދެ އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮވިންސްގެ ހުރިހާ ރަށަކަށް ސޯލަރ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓްގެ ޚިދްމަތް ފޯރުވައިދެވޭނެއެވެ. މި އެގްރީމެންޓްގެ ދަށުން ބީ.ބީ.އެމް. އިންފްރާ ލިމިޓެޑުން މަތި ދެކުނު ޕްރޮވިންސްގައި މިފަދަ ވަސީލަތްތައް ޤާއިމް ކޮށް، 25 އަހަރު ދުވަހުގެ މުއްދަތަށް މި ވަސީލަތްތައް ހިންގުމަށްފަހު، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑާ މި ވަސީލަތްތައް ހަވާލުކުރާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް އަޕަރ ސައުތް ޕްރޮވިންސް ޢުމަރު ޖަމާލް ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމަކީ، އިޤްތިޞާދީ ގޮތުންވެސް އަދި ތިމާވެށީގެ ގޮތުންވެސް ފައިދާ ކުރަނިވި ކަމެއް ކަމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ، މިފަދަ މަޝްރޫޢުތައް ފެށުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.