19 ޖުލައި 2010
ޕީއޭގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ އޮފީސް ފާސްކުރުމަށް ފަނޑިޔާރަކު ކޯޓު އަމުރު ނެރުނު ފަހުން، ހުރިހާ ފަނޑިޔާރުންގެ އަތުން ޖިނާޢީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ތައްގަނޑު ނަންގަވާފައިވާ ކަމަށް ފަނޑިޔާރަކު ބުނެފިއެވެ.
ނަން ހާމަކުރައްވަން ބޭނުންފުޅު ނުވާ އެފަނޑިޔާރު މީޑިއާ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނަމީރާގެ އޮފީސް ފާސްކުރުމަށް ހުއްދަ ދިނުމުގެ ކުރިން، ޖިނާޢީ ކޯޓުގެ ތައްގަނޑުތައް ހުރިހާ ފަނޑިޔާރުންގެ އަތުގައި ވެސް ހުރި ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން ހުރިހާ ފަނޑިޔާރުންގެ އަތުން އިސް ޤާޟީ، ޢަބްދުﷲ މުހައްމަދު، އެކޯޓުގެ ތައްޣަނޑު އަތުލައްވާފައިވާ ކަމަށެވެ. އަދި މިހާރު ކޯޓު އަމުރު ނެރެނީ އިސް ޤާޟީ އެކަނި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
ޖިނާޢީ ކޯޓުގެ އިސް ޤާޟީ އަކީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ ތަޙްޤީޤްތަކަށް ގަސްދުގައި ހުރަސްއަޅުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ އޭނާ ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. ރާއްޖޭގެ ސްޕްރީމް ކޯތުން ވަނީ ރިޝްވަތުގެ ތުހުމަތުގައި ސަރުކާރުން ހައްޔަރުކުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަންކޮށް، އެމައްސަލައިގައި ވަކާލާތު ކުރި 2 ފުލުހުން ސަސްޕެންޑްކޮށްފައެވެ.
ފުލުހުން ތަކުރާރުކޮށް އަދުލު އިންސާފުގެ ދާއިރާ އިން އެބޭފުޅުންނަށް އެއްބާރުލެއްވުން ނުދެއްވާ ކަމަށް ވިދާޅުވަމުންދާއިރު، އަދުލު އިންސާފުގެ ދާއިރާ ހަނު އޮންނަކަން ފާހަގަކުރެވެއެވެ.