އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފި

19 ޖުލައި 2010

322a45a25fb119b2fac403e6a2cc011c

ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ޑޮކްޓަރ ބޯލްޑްވިން ސްޕެންސަރ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ބޮޑުވަޒީރު ސްޕެންސަރގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ބައްދަލުކުރައްވައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ބެހޭގޮތުންނާއި، ދެ ޤައުމުގެ ގުޅުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި، މިމަހުގެ 17ން 18އަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވި ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވައި، މިބައްދަލުވުމުގެ މަޝްވަރާތަކުގައިވެސް ބޮޑުވަޒީރު ސްޕެންސަރ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އުފެދުނީ 25 މާޗް 2002ގައެވެ.