މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

my-700x525

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިހާރު މެލޭޝީޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މެލޭޝީޔާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި JW މެރިއެޓް ހޮޓެލްގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަކޮށްލެއްވުމުގައި އެމްޑީޕީގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ހުށައަޅާ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި މިހާރު ކިޔަވާ ކުދިންނަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާމެދު ރައީސް ނަޝީދު މަޝްވަރާކުރެއްވިއެވެ.

ކިޔަވާ ކުދިންގެ ބައްދަލުކޮށްލެއްވުމުގައި ވާހަކަދައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ މަތީ ތަޢުލީމު ޙާޞީލްކުރުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ އެކަމަށް މާލީ އެހީތެރިކަން ނެތުން ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ ތަރައްޤީގެ ބޭންކު މެދުވެރިކޮށް މަތީ ތައުލީމު ޙާޞިލްކުރުމަށް އެދޭ ކުދިންނަށް ލޯނު ލިބޭނެ ފުރުޞަތު ފަހިކޮށްދިނުންކަމުގައެވެ. އަދި މެލޭޝިޔާގެ ކޮލެޖުތައް ރާއްޖެއަށް ގެނެވޭނެ ގޮތްތައް ބައްލަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ ކުރިންވެސް ލިމްކޮކް ޔުނިވަރސިޓީ ރާއްޖެއަށް ގެނައުމަށް މަޝްވަރާކުރެވުނީވެސް ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން އެ ޔުނިވަރސިޓީގައި ކިޔަވަމުން ދާތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހާޒިރުވި ކުދިން ރައީސް ނަޝީދާއި އެކިއެކި ދާއިރާއާއި ގުޅޭގޮތުން ސުވާލުކުރެއްވިއެވެ. ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ތަންފީޒުކުރައްވާނީ ކޮން އިރަކުންތޯއާއި އަދި ޝަރުޢީ ދާއިރާ އިސްލާޙްކުރުމަށް ކުރައްވާނީ ކޮންކޮން ކަންތައްތަކެއްތޯއާ މެދު ސުވާލުކުރެއްވިއެވެ. އަދި ބަގާވާތް ކުރި މުވައްސަސާތަކާމެދު ފިޔަވަޅު އަޅުއްވާނަންތޯއާމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަގާވާތުގައި ބައިވެރިވީ މަދު ބައެއްކަމަށާއި އެމުވައްސަސާތައް ހަރުދަނާކޮށް އޮނިގަނޑަށް ބަދަލު ގެންނާން ޖެހޭ ކަމަށާއި އެމުވައްސަސާތައް އިތުރަށް ހަރުދަނާ ކުރެވޭ ގޮތްތައް ތަންފީޒުކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނަރަބްލް އަބްދުﷲ ޝާހިދާއި އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މާރިޔާ ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.