23 ޖުލައި 2009
މީހެއްގެ ގަދަރާއި އިއްޒަތް ހިފަހައްޓަނީ އެމީހަކަށް ލިބިދޭ އިނާޔަތާއި މުއްސަނދި ކަމަކާ ގުޅިގެން ނުވަތަ އެމީހެއްގެ މައްޗަށްކުރާ ޚަރަދަކަށް ބަލައިގެން ނޫންކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސީޝެލްސްގެ ކުރީގެ ރައީސް ސަރ ޖޭމްސް މަންކަމްގެ ޝަރަފުގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ވިސްނޭގޮތުގައި މީހެއްގެ ގަދަރާއި އިއްޒަތް ހިފަހައްޓަނީ އެމީހެއްގެ މައްޗަށް ކުރާ ޚަރަދަކާއި ގުޅިގެނެއްނޫން. އަދި އެމީހަކަށް ލިބިދޭ އިނާޔަތްތަކަކާއި މުއްސަނދިކަމަކާއި ގުޅިގެނެއްވެސް ނޫން.”
ރައީސް ނަޝީދު ވިދާޅުވީ މީހެއްގެ ގަދަރާއި އިއްޒަތް ހިފަހައްޓައިދޭ އެންމެ ބޮޑު ކަމަކީ ބަހުގައި ހިފެހެއްޓުމާއި، ފިނޑިނުވުމާއި، ފަހަތަށްނުޖެހުމާއި، ތެދުވެރިވުމާއި އިޚްލާސްތެރިވުމާއި، އަމާނާތްތެރިވުމާއި، އަނިޔާވެރިނުވުމާއި، ހެޔޮލަފާވުމާއި، ދޮގުނުހެދުން ކަމުގައެވެ. އަދި މީހެއްގެ ގަދަރާއި އިއްޒަތަކީ ޤާނޫނަކުން މީހަކަށް ރައްދުކޮށްދެވޭނޭ އެއްޗެއް ނޫންކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ “އަޅުގަނޑުމެންނަށް ޤާނޫނެއްގައި ލިޔެގެން ގަދަރާއި އިއްޒަތެއް ނުހޯދޭނެ. ރައްޔިތުންގެ ލޯތްބަކީ ޤާނޫނަކުން އަޅުގަނޑުމެންނަށް ހޯދޭނެ އެއްޗެއްނޫން.”
ކާމިޔާބުގައި ހިތްތިރިކުރުމަށާއި ނާކާމިޔާބުގައި ހިތްވަރު ގަދަކުރުމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީގައި އެމަނިކުފާނުގެ ސަރުކާރުން ހިތްތިރިކުރެއްވުމުގެ ފައިދާ އިދިކޮޅު ފަރާތްތަކުން ނެންގެވި ގޮތަށް ޅެންބައިތު ތަކަކުން ރައްދު ދެއްވަމުންނެވެ. މިޅެން ބައިތު ތަކުގައި ރައީސް ނަޝީދު ވިދާޅުވީ؛
” ހިތާ މޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ
ފިތާހިތުގެ ހިތި ނައަތުލާ ހަމަ ނުވީހޭ
ލެޔާ ނާރު އެކުގާ ވެދުންކޮށް ހެދީމާ
ހެޔާ ބުއްދިއެކުގާ ނުގެންގޮސް ނުވީހޭ ”