ނަޝީދުގެ ފަންޑުފޮއްޓާއި ހަވާލުވާނެ ފަރާތެއްނެތިގެން ޕޯސްޓްކުރަން ނިންމައިފި

19 ޖުލައި 2010

aa-etol-14-07-2010-117-450-x-338

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަތްމަތި ދަތިވެގެން ބައެއްފަހަރު، ކަރަންޓު ބިލާއި ފެންބިލު ފަދަ ބިލުތައް ދެއްކުމުގައި ދަތިވާތީ، ހީވާގި މަހުޖަނުންގެ ގާތުން ފައިސާގެ އެހީތެރިކަމަށް އެދެމުންދާތީ، އޭނާއަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީގައި ބަނދަރުގައި ބެހެއްޓި ފަންޑު ފޮއްޓާއި ނަޝީދުގެ ފަރާތުން ހަވާލުވާނެ ފަރާތެއްނުވުމުން ޕޯސްޓް މެދުވެރިކޮށް އެފަންޑު ފޮށި އެފަރާތާއި ހަވާލުކުރަން ނިންމާފައިވާ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކޮށްފިއެވެ.
މި ޖުލައި މަހުގެ ހަތްވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ބެހެއްޓި މިފަންޑުފޮށި ހުޅުވުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ނައީމް ވިދާޅުވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ” އައި ނީޑް ސަމް ކޭޝް” އޭ ބުނެ މަހުޖަނުންގެ ކައިރީ ސަލާން ޖަހަމުންދާތީ އޭނާއަށް އެހީތެރިވުމަށް ބެހެއްޓި ފަންޑުފޮށި ހިފައިގެން މިމަހު 14 ވަނަ ދުވަހު މާލެއައިސް އެފޮށި ހަވާލުކުރުމަށް ތަކުރާރުކޮށް އެތައް ފަހަރަކު ނަޝީދުގެ ގެއަށާއި، އޭނާގެ އޮފީހަށް ގޮސްގެންވެސް އޭނާއާއި ދިމާވެފައިނުވާކަމަށާއި، އަދި އޮފީހުންވެސް އެފޮއްޓާއި ހަވާލުވުމަށް އުޒުރުވެރިވެފައިވާ ކަމަށެވެ. ނަޝީދުއަށް ވެސް އަދި އޭނާގެ އޮފީހަށް ވެސް ފޯނުން ގުޅެ ގޮތް ނުވެފައިވާ ކަމަށް އެކަމުގައި ހަރަކާތްތެރިވި ފަރާތުން ބުންޏެވެ.
މި ފަންޑު ފޮށި މާލެ ގެނެސްފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީ އިން 14 ޖުލައި ގައި ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް ކުޅުދުއްފުށިން މާލެ އައި ބޯޓަކުންނެވެ. މިދަތުރުގައި ބައިވެރިވި 100 އެއްހާ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ އެހެން އެންމެން މިހާރު ވަނީ ރަށަށް ގޮސްފައެވެ. މިފަންޑު ފޮއްޓަށް މާލެއިން ވެސް ވަރަށް ދީލަތި އެހީތަކެއް ލިބިފައި ވެއެވެ. ފަންޑު ފޮއްޓަށް މިހާތަނަށް ލިބުނީ ކިހާފައިސާއެއްކަން އެނގިފައި ނެތް ކަމުގައި ވިޔަސް، މި ފޮށި ޕޯސްޓްކުރާނީ ފައިސާގެ އަދަދު ބަލާފައިކަމަށްވެސް މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތުން ބުނެފައިވެއެވެ.
ނަޝީދުގެ ކެމްޕެއިން ދުވަސްވަރު، އޭނާ ކުޅުދުއްފުށީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި އޭނާ މަޖިލިހަށް ހޮވިއްޖެ ނަމަ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރަން ހުށަހަޅާނެ ކަމަށާއި، މެންބަރުންގެ މުސާރަ ކުޑަކުރަންދެން ކޮންމެ މަހަކު ވެސް އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންނަށް ދެއްވާނޭ ކަމަށާއި، ސިޔާސީ އެއްވެސް ފަރާތަކުން ފައިސާގެ އެހީއަށް އެދިވަޑައިނުގަންނަވާނޭ ކަމަށް ވެސް ނަޝީދު، ކެމްޕެއިން ދުވަސްވަރު ވިދާޅުވިއެވެ.