ޔޫއެންޑީޕީގެ އެޑްވައިޒަރ ފޮރ ސޯޝަލް ކޮހީޝަން އެންޑް ގަވަރނެންސް އެމްޑީޕީއާއެކު ބައްދަލުވުމެއް ބާއްވައިފި

18 ޖުލައި 2010

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްވައިޒަރ ފޮރ ސޯޝަލް ކޮހީޝަން އެންޑް ގަވަރނެންސް މރ. ފަރޑިނަންޑް ވޮން ހަބްސްބަރގް އެމްޑީޕީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގައި މިއަދު މެންދުރުފަހު 3.30 ގައި އޮތް މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ހަލަބޮލިކަމާ ބެހޭ ގޮތުންނެވެ. އެގޮތުން މިނާޒުކު ދަނޑިވަޅުގައި އެމްޑީޕީގެ ފިކުރުހުރި ގޮތް މރ.ފަރޑިނަންޑް އޮޅުންފިލުއްވެވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު، އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވީ އެމްޑީޕީ އިން އަބަދުވެސް ބަލަނީ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން މަސައްކަތްކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި އެމްޑީޕީ އިން ބޭނުންވަނީ ރާއްޖެއަށް ތަޢާރަފްކުރެވިފައިމިވާ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރުމަށް މަސައްކަތްކުރުމަށް ކަމަށާއި، މަޝްވަރާގެ އުސޫލުން ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް އެމްޑީޕީ އިން އަބަދުވެސް ތާޢީދުކުރާ ކަމަށެވެ.
މރ.ފަރޑިނަންޑް ދެއްކެވި ވާހަކަފުޅުގައި ޔޫއެންޑީޕީ އިން ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމަކާއި، އެހީތެރިކަމެއް އެމްޑީޕީ އަށް ވެދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހްގެ އިތުރުން ޔޫއެންޑީޕީގެ ޕްރޮގްރާމް އެނެލިސްޓް ޝާލިނީ ޖައުފަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.