އައްޑޫ ސިޓީގައި “އެއްބުރުން” ކެމްޕެއިންގެ ހަފްތާ ބަންދުގެ 19ވަނަ ޕްރޮގްރާމް މިރޭ ފެށޭނެ.

ލިޔުނީ: ޝަހީދާ

އައްޑޫ ސިޓީގައި “އެއްބުރުން” ކެމްޕެއިން ގެ ހަފްތާ ބަންދުގެ 19 ވަނަ ޕްރޮގްރާމް މިރޭ (11 ޖުލައި 2013-) ފެށޭނެކަމަށް އައްޑޫ ސިޓީއަށް އެމްޑީޕީއިން ކަނޑައަޅައިފައިވާ ކެމްޕެއިން ކޯޑީނޭޓަރ ޑރ. މުސްތޮފަ ލުތްފީ ވިދާޅުވެއްޖެއެވެ.

މިރޭ މި ފެށޭ ހަފްތާ ބަންދުގެ ހަރަކާތްތަކަކީ އާއްމުކޮށް ކޮންމެ ހަފްތާ ބަންދެއްގައިވެސް އައްޑޫ ސިޓީގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ 19 ވަނަ ޕްރޮގްރާމް ކަމުން، މައިގަނޑު ގޮތެއްގައި މިރޭ މިފަށާ ޕްރޮގްރާމް ތަކުގައި އެކުލެވިގެންވާނީ މި ހަފްތާއާ ހިސާބަށް ކުރިޔަށް ގެންދެވުނު “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތަކަށް ބަލާ އޭގެ އަލީގައި ކުރިޔަށް ކެމްޕެއިން ގެންދާނެ ގޮތުގެ ޕްލޭން ރޭވުމާއި މަސައްކަތް ފެށުން ކަމުގައި މުސްތޮފާ ލުތުފީ މައުލޫމާތެ ދެއްވިއެވެ.

މިގޮތުން މިރޭ ހިތަދޫ ދެކުނު ދާއިރާއިން މިހާތަނަށް ހޯދިފައިވާ މައުލޫމާތު އެއްކޮށް އޭގެ މައްޗަށް ކުރިޔަށް ހުރި މަސައްކަތްތައް ތަރުތީބު ކުރުން އޮންނާނެކަމަށް މުސްތޮފާ ލުތުފީ މައުލޫމާތު ދެއްވިއެވެ. އަދި ކުރިޔަށް މި އޮތް 3 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކޮންމެ ދާއިރާއެއްގެވެސް ކެމްޕެއިން މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތަށް ވަނީ ރާވާފައި ކަމަށާއި، ވަކި ވަކި ދާއިރާތަކުގެ ކެމްޕެއިން ކުދި ކޮމިޓީތަކާއި، ކެމްޕެއިން އޭޖެންޓޫންނާއި އެކު ބައްދަލުވުންތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައިކަމުގައިވެސް މުސްތޮފާ ލުތްފީ ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް މިއަދު ހަވިރު ދަތުރުކުރާ ކެމްޕެއިން ޓީމު މި ހަފްތާ ބަންދުގެ މަސައްކަތް ނިންމާ މާލެ އަންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.