މާރިއާ އަޙުމަދު ދީދީ ލ. އަތޮޅުގެ ފޮނަދޫގައި ބޭއްވި ލީޑަރޝިޕް ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވައިފި

ލިޔުނީ: ޝަހީދާ

މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ރައީސް ނަޝީދުގެ ސްޕޯކްސްޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ލ. އަތޮޅުގެ ފެހި ޖަމްޢިއްޔާއިން އިސް ނަގައިގެން މި ޖުލައި މަހުގެ 5ކުން 6ކަށް ފޮނަދޫގައި ބޭއްވި ލީޑަރޝިޕް ވޯރކްޝޮޕް “ސިޔާސީ މައިދާނުގައި އަންހެނުން ހޭލުންތެރިކޮށް ބައިވެރިވުން އިތުރުކުރުން”ގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ލ. އަތޮޅުގެ ހުރިހާ ރަށެއްގެ އަންހެނުންނަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އިސްކޮށް އުޅުއްވާ އަންހެންބޭފުޅުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވުނު މި މަސައްކަތު ބައްދަލުވުމުގައި ވޯކްޝޮޕް ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ވޯކްޝޮޕްގެ ބައިވެރިންނަށް މާރިޔާގެ ސިޔާސީ ހަޔާތްޕުޅުގާ ދިމާވި ގޮންޖެހުންތަކާއި ތަޖުރިބާއާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ޔުނައިޓަޑް ނޭޝަންސް ޑިވިލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ން ފަންޑުކޮށްގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ލ. އަތޮޅުގެ ހުރިހާ ރަށަކުން 25 އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި މާބައިދޫގެ ކައުންސިލްގަ ހިމެނޭ އަންހެން 2 ކައުންސިލަރުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި، ޒުވާނުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް)ން ވެސް ބައިވެރިވެފައިވާކަމަށް ލ. އަތޮޅުން މައުލޫމާތު ދިނެވެ.