ކުޅުދުއްފުށި ރީނދޫ ކުރަނީ

BOpiWSECUAAv_0b.jpg_large

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އާއި ޕާޓީގެ ޒުވާނުންގެ ހިތްވަރުން މިހާރު ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ “އެއްބުރުން ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުޅުދުއްފުށި ރީނދޫ ކުރަން ފަށާނެކަމަށް ކެމްޕެއިން ޓީމުން މައުލޫމާތު ދިނެވެ.

މިއަދު މެންދުރުފަހު ފެށޭ ހަރަކާތްތަކުގައި އެންމެ ފުރަތަމަ އޮތީ ރަށް ރީނދޫ ކުރަން ފެށުން ކަމަށާއި އެ ހަރަކާތާ އެކުއެކީ ބައިސްކަލު ބުރު ކުރިޔަށް ދާނެކަމަށް މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީގައި 3 ދުވަހަށް ކުރިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިން ހަރަކާތްތަކުގައި ރޭ އެމްޑީޕީގެ ހަރުގޭގައި ވަރަށް ފުރިހަމަ، ތަރްޙީބު ލިބުނު އާއްމު ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި އާއްމު ބައްދަލުވުމުގައި ޗެއަރޕާސަން ގެ އިތުރުން ވާހަކަ ދެއްކެވީ ޒުވާނުންގެ ހިތްވަރުގެ ރައީސާ އަިމިނަތު ޝައުނާއާއި ޒުވާނުންގެ ހިތްވަރުގެ މެމްބަރު މިކައިލް ނަސީމުއެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ އަންހެން ވެރިންނާ އަދި ޒުވާނުންނާ އެކު ވަކި ވަކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ދޮރުން ދޮރަށް ހިނގުމާއި “އެއްބުރުން” ކެމްޕެއިންގެ މަސައްކަތްތަކާ ގުޅޭ މަޝްވަރާ ބައްދަލުވުންތައްވެސް ވަނީ ބާއްވާފައެވެ.

އިއްޔެ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރި މި ކެމްޕެއިން ޓީމުން މެންދުރުފަހުގެ ވަގުތުގައި ކުޅުދުއްފުށީގައި ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު ގެ މައުލޫމާތު އާއްމުކޮށް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީ އެއަށްފަހު ތަފާތު އެކި އެކި ކުޅިވަރުތައް ވަނީ ކުޅެފައެވެ. މިގޮތުން އެކުވެރި ފުޓުބޯޅަ މެޗަކާއި، ބަށި މެޗަކާއި، ރިލޭ ރޭހާއި، ޒިގް ޒެގް، ޑްރިބަލް ފަދަ މަޖާ ކުޅިވަރުތައް ކުޅުނު ކަމަށް ޓީމުން މައުލޫމާތު ދިނެވެ.

ކުޅުދުއްފުށީގައި އިއްޔެ މަޖަލުގެ ރޫޙުގައި ބިރެއްނެތި ކުޅުނު ކުޅިވަރުތަކުގައި ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި، ސަޕޯޓަރުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައި ކަމަށާއި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކުޅިބަލަން ނިކުތްކަން ކެމްޕެއިން ޓީމުން އުފަލާއެކު ބަޔާންކުރިއެވެ. އަދި ކުޅިވަރުތައް ނިންމާލީ ބައިވެރިންނަށް ކުޅިވަރު ކުޅޭ ސާމާނު ހަދިޔާ ކުރުމަށް ފަހުއެވެ.