ފުވައްމުލަކުގައި މިއަދު “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” އެމްޑީޕީގެ ސިޔާސަތު ހާމަކުރުން އޮތް

8520cb90dc3607efdbc5b7f8425a5349

ލިޔުނީ: ޝަހީދާ

ފުވައްމުލަކުގައި މިއަދު (8 ޖުލައި 2013-ހޯމަ) “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު ހާމަކުރުން އޮތްކަމަށް ފުވައްމުލަކު އެމްޑީޕީގެ ކެމްޕެއިން ޓީމުން މައުލޫމާތު ދިނެވެ.

ފުވައްމުލަކު ތުނޑީގައި ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު ގެ މައުލޫމާތު އާއްމުކުރުން މިއަދު ހަވީރު 4 ޖެހިއިރު އޮތްކަމުގައި ވީނަމަވެސް، މުޅިދުވަހަށް ބަހާލައިގެން ތަފާތު އެކި ކުޅިވަރުތައް ވަނީ ކުޅެފައެވެ. މިގޮތުން، މިއަދުު ހެނދުނު 9 ކުން ފެށިގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ބަނދަރުގެ ބޭރު ތޮށިން އެެއްގަމު ތޮއްޓައް ފެތުމުގެ މުބާރާތާއި، ތާރު މަގުން ޣާޒީމަގުން ރަސްގެފަންނަށް ބައިސްކަލު ރޭސް ޖެހުމާއި، ދުވުމުގެ މުބާރާތް ބާއްވާފައިވެއެވެ. މީގެ އިތުރުން ބީޗް ވޮލީ، ކައިޓް ސާރފިންގ، ބޮޑުބެރު، ބީޗް ސޮކަރ، ބައިބަލާ، ވާދެމުން، ފުޓުބޯޅަ، މިކްސް ވޮލީ، ބަށި، އަންހެނުންގެ ވޮލީ، ނެޓްބޯޅަ ކުޅުނެވެ. އަދި، މިއަދުގެ މި ކުލަގަދަ ހަފްލާގައި ވަރަށް ފޯރިގަދަ ކްރިކެޓް މެޗެއްވެސް ވަނީ ކުޅެފައިކަމަށް ކެމްޕެއިން ޓީމުން މައުލޫމާތު ދިނެވެ.

މިއަދުގެ މި ކާމިޔާބު ޙަފްލާގައި ތަފާތު ކުޅިވަރުތަކުގައި 100އާ ގާތްކުރާ އަދަދަށް މީހުން ވަނީ ބައިވެރިވެފައި ކަމަށާއި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ކުޅިބަލަން ނިކުތްކަން ކެމްޕެއިން ޓީމުން އުފަލާއެކު ހާމަކުރިއެވެ. އަދި މިއަދުގެ މި ޙަފްލާގައި އެމްޑީޕީގެ ފުވައްމުލަކުގެ ކެމްޕެއިން ޓީމުގެ އިތުރުން މައިޒާން އިބްރާޙިމް މަނިކާއި، ހީނާ އަޙުމަދު ސަލީމުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ .

މިއަދުގެ މި ކުލަގަދަ މަޖާ ޙަފްލާ ނިންމާުލުމުގެ ކުރިން ފުވައްމުލަކުގެ 8 އަވަށަށް ކުޅިވަރު ކުޅޭ ސާމާނު ވަނީ ހަވާލުކޮށްފައެވެ. އަދި މި ޙަފްލާ ނިންމާލީ ވަރަށް ފޯރިގަދަ މިޔުޒިކް ޝޯއަކުން ކަމަށް ކެމްޕެއިން ޓީމުން މައުލޫމާތު ދިނެވެ.