23 ޖުލައި 2009
ދައުލަތުގެ އަމުރަށް އެންމެންވެސް ކިޔަމަންވާން ޖެހޭނޭ ކަމަށާއި، މިދައުލަތުގެ އަމުރު މިސަރުކާރުން ހިފަހައްޓައި އަދި އެއަމުރު ދެމިއޮންނާނޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދައުލަތަކީ ބާރުވެރިކަމާއި ގަދަރުވެރިކަމާއިއެކު އޮތް ދައުލަތެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭކަމަށާއި އެމަނިކުފާނުގެ ޒަޢާމަތުގައި މިދައުލަތުގެ ބާރުވެރިކަމާއި ގަދަރު ހިފެހެއްޓުމަށް މިސަރުކާރުން މަސައްކަތްކުރާނޭ ކަމުގައެވެ.
“ދައުލަތުގެ އަމުރަށް އެންމެންވެސް ޖެހޭނީ ކިޔަމަންވާން. މިދައުލަތުގެ އަމުރު މިސަރުކާރުން ހިފަހައްޓާނެ. އަދި އެއަމުރު ދެމިއޮންނާނެ.” ކަމަށް ވިދާޅުވަމުން ކުށުގެ ތުހުމަތުން ބަރީޢަވުމަށް ގާނޫނީ ވަކީލުންގެ އެހީތެރިކަމާއި އަދި އެހެނިހެންވެސް އެހީތެރިކަން ހޯދުމަށް އަޅުގަނޑުމެން އެންމެނަށްވެސް ގާނޫނުން ޖާގަދޭ ކަމަށާއި އެހެން ނަމަވެސް “ޤާނޫނެއްވެސް އަދި ރާއްޖޭގެ އާންމު އުސޫލުތަކެއްވެސް މިދައުލަތުގެ ބާރު ކުޑަ މިންވަރަކަށްވެސް ކަނޑާލާކަށް.” އަޅުގަނޑުމެން އެކަކަށްވެސް އެއްވެސް ޖާގައެއް ނުދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ ބާރު ހިފަހައްޓަވައި ދެއްވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ” އަޅުގަނޑުމެން މަސައްކަތްކުރަމުން މިއައީ މިރާއްޖޭގައި ޤާނޫނުގެ ދައުލަތެއް ހިންގަން. ހެޔޮވެރިކަމެއް މިރާއްޖޭގައި ގާއިމްކުރަން. ގާނޫނުގެ ވެރިކަމެއް ގާއިމް ކުރުމަށްޓަކައި ގާނޫނުގެ ކުރިމަތީގައި އަޅުގަނޑުމެން އެންމެން ހަމަހަމަވާން އެބަޖެހޭ. ޤާނޫނާ އަޅުގަނޑުމެން އެކަކުވެސް ޖަދަލުކޮށްގެންނުވާނެ.”
މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާއި ސީޝެލްސްގެ ކުރީގެ ރައީސް ސަރ ޖޭމްސް މަންކަމްވެސް ވާހަކަފުޅު ދެއްކެވިއެވެ.