ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-014
ތާރީޚް: 21 ޖުލައި 2009 (އަންގާރަ)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުން ލަސްކުރެއްވުމުން މައުމޫންގެ މިއަމަލު ކުށްވެރި ކުރުން

ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ބޮޑެތި ޚިޔާނާތް ވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި އެކޮމިޝަނަށް ހާޒިރުވުމަށް މައުމޫނަށް ދެންނެވުމުން އެއީ ޣައިރު ޤާނޫނީ ކޮމިޝަނެއް ކަމަށް ވިދާޅުވެ އެކޮމިޝަނަށް ހާޒިރުވެވަޑައިނުގަތުމުން މައްސަލަ ބެއްލެވުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް މައުމޫނަށް ފުލުހުން އެންގުމުން ފުލުސްއޮފީހަށް ހާޒިރުވުން ލަސްކުރެއްވި މައްސަލަ މިޕާޓީން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
30 އަހަރުވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ސުލްހަވެރިކަމާއެކު ފުލުސްއޮފީހަށް ވަޑައިގެންނެވުމަށް ފުލުހުން ދަންނަވާފައިވީނަމަވެސް ފުލުހުންގެ މިއަމުރަށް މައުމޫނު ކިޔަމަންތެރިވެ ވަޑައިނުގަންނަވާ ، ދައުލަތުގެ މުއައްސަސާތަކުން ކުރެވޭ މިފަދަ އަމުރަށް ނުކިޔަމަންތެރިވެ އާންމުންނާއި ހާއްސަކޮށް ކުޑަކުދިންނަށް ނުރަގަޅު މިސާލެއްގެގޮތުގައި މިކަން ދައްކަވާފައިވާތީ މިޕާޓީން އެކަމާ ހިތާމަކޮށް މިފަދަ ނޭދެވޭ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް މައުމޫނަށް ގޮވާލަމެވެ.
މައުމޫނު ފުލުސްއޮފީހަށް ވަޑައިގެންނެވީ އަމިއްލަފުޅަށް ކަމުގައި ވިދާޅުވިނަމަވެސް މައުމޫން ދިރިއުޅުއްވާގެ، މ.އަލިވާގޭ ތެރެއިން ފުލުހެއްގެ ގައިގައި ތަޅައިގަނެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ދިން ކަމުގެ މައުލޫމާތު ލިބިފައިވާތީ، މިކަން މިގޮތަށް ހިނގާފައިވާނަމަ މިއީ މައުމޫނު ސުލްހަވެރިކަމާއެކު ފުލުސްއޮފީހަށް ހާޒިރުވުމަށް އެންމެފަހު ވަގުތާ ހަމަޔަށްވެސް އިންކާރުކުރެއްވި ކަން ހާމަކޮށްދޭ ކަމެއް ކަމުގައި މިޕާޓީން ދެކެމެވެ. އަދި އާއްމު ރައްޔިތުންނަށް މައުމޫންގެ މިއަމަލާއި ގުޅިގެން އެތައް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ރައްޔިތުން މިއީ މިސާލަކަށް ނުބަލައި މިގޮތަށް އަމަލު ނުކުރުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ.
ގާނޫނު ހިންގުމުގައި ހަމައެކަކުވެސް އިސްތިސްނާ ނުކުރައްވާ ހަމަހަމަ އުސޫލަކުން ފުލުހުން މިކަމުގައި އަމަލުކުރައްވައި ފުލުސް އޮފީހަށް ކުރީގެ ރައީސް މައުމޫން ހާޒިރު ކުރެއްވި ކުރެއްވުމަށް މިޕާޓީން މަރުހަބާ ކިޔަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް