ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-013
ތާރީޚް: 21 ޖުލައި 2009 (އަންގާރަ)
އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ހެޔޮވެރިކަމެއް ކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތަށް ޑީއާރުޕީއާއި ޕީއޭ އިން ހުރަސްއަޅަމުންދާތީ އެކަން ކުށްވެރިކުރުން
އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ހެޔޮވެރިކަމެއް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް ޑީއާރުޕީއާއި ޕީއޭއިން ހުރަސް އެޅުމަށް މަސައްކަތްކުރަމުން ދާކަން މިޕާޓީއަށް ވަނީ ފާހަގަކުރެވެއެވެ.
މިގޮތުން މަކަރާއި ޙީލަތް ހަދާފައިހުރިކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދޭހަވާ ކަމެއްގައި ފުލުހުންގެ ތަޙުޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދު ހުރަސްއަޅުއްވަމުން ގެންދަވާ މައްސަލަ ތަޙުޤީޤު ކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމަކުން ނިންމެވުމާއިގުޅިގެން، ސަރުކާރުން އަދުލު އިންސާފަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރާ ކަމަށް ބުނެ، އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ޑީއާރުޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އާންމު ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީގެ މެންބަރުން ވާހަކަ ދައްކަވާ މިޕާޓީގެ ބުރަ މަސައްކަތުން މިރާއްޖެއަށް ގެނައި އިސްލާހުތަކަށް މިސަރުކާރުން ގޮންޖަހާކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސް ނަހަމަގޮތުގައި ބޭނުން ކުރައްވަމުންދާތީ އެކަން މިޕާޓީން ކުށްވެރިކުރަމެވެ. މިފުރުޞަތުގައި ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދު މީޑިއާ މެދުވެރިކޮށް ވަކިފަރާތަކަށް ބުރަވެ، ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވަމުންދާކަން ފާހަގަކޮށް މިކަންކަން ބައްލަވާ ފިޔަވަޅު އެޅުވުމަށްވެސް މިޕާޓީން ގޮވާލަމެވެ.
ޑީއާރުޕީއާއި ޕީއޭގެ މެމްބަރުންގެ އިލެކްޝަންސް ވައުދު ކަމުގައިވާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުންދިނުމަށް ވެފައިވާ ވައުދު މިޕާޓީން އެ ދެ ޕާޓީގެ މެމްބަރުންނަށް ހަނދާންކޮށްދެމެވެ. އަދި އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތަށް އިސްކަންދީ، ޒިންމާދާރުކަމާއިއެކު މަސައްކަތްކޮށް ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ގާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ޑީއާރުޕީ އަދި ޕީއޭގެ މެމްބަރުންނަށް މިޕާޓީން ގޮވާލަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް