ނޫސް ބަޔާން: ކޮރަޕްޝަނާ ދެކޮޅު ޖަލްސާ ހުއްޓުވުން ކުށްވެރިކުރުން

17 ޖުލައި 2010

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް 14 ޖުލައި 2010 ވީ ބުދަ ދުވަހުގެރޭ މިޕާޓީ އިން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި، ޖަލްސާ އަކަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައި، މި ޖަލްސާ ހުއްޓުވާފައިވާތީ އެކަން މިޕާޓީ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީ އިން ދެކޭގޮތުގައި، ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ވެސް ވަޑައިގެން އިންނެވި ޖަލްސާއެއް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ޑީއާރުޕީ އޮފީސް ކުރިމަތީގައި ތިބެ ގާއުކައި، ގަސްދުގައި ޖަލްސާ ހުއްޓުވުމަށް ހިންގި މިލާއިންސާނީ ޢަމަލަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފަށް، ރާއްޖޭގެ ޤާނޫނު އަސާސީ އިން ދިވެހި ކޮންމެ ފަރުދަކަށްމެ ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް، އިދިކޮޅު ފަރާތްތަކުން ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ.
އަދި އެމްޑީޕީގެ ޖަލްސާތަކަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާފައިވާކަން މިޕާޓީ އިން ފާހަގަކުރަމެވެ. މިގޮތުން މީގެ ކުރިން އެމްޑީޕީ އާއި ޖަމިއްޔަތުލް ޚައިރު ގުޅިގެން އާޓިފިޝަލް ބީޗްގައި ބޭއްވި ދީނީ ދަރުސަކަށް ޑީއާރުޕީ އިން ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާކަން ފާހަގަކުރަމެވެ.
މި ފުރުޞަތުގައި ޑީއާރުޕީ އިން ބާއްވާ ޖަލްސާތައް އަމާން ކަމާއެކު ކުރިޔަށް ގެންދިއުމަށް މި ޕާޓީން ފުރުޞަތުދެމުންދާކަން ބަލައިގަނެ، އެމްޑީޕީ އިން ދައްކާ ޑިމޮކްރަސީގެ ރީތި ނަމޫނާގައި ދެމިތިއްބެވުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް