ރައްޔިތުންގެ މަޖިލިސްކުރާގޭދޮށަށް އެތައް ސަތޭކަ ބަޔަކު އެއްވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބުރައީސްގެ އިސްތިއުފާއަށް ގޮވައިފި

15 ޖުލައި 2009

ރައްޔިތުންގެ މަޖިލިސްކުރާގޭދޮށަށް އެތައް ސަތޭކަ ބަޔަކު އެއްވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، ނައިބު ރައީސް އަހުމަދު ނާޒިމް އަދި މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އިސްތިއުފާއަށް ގޮވައިފިއެވެ. އަދި މިއަދު މެންދުރުފަހު 2.30 ހާއިރު ގިނަ އަދަދެއްގެ ބަޔަކު ޖަސްޓިސް އިމާރާތުގެ ކައިރިއަށް އެއްވެ ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދުގެ އިސްތިއުފާއަށް ގޮވަމުންދާ ކަމަށް މައުލޫމާތު ލިބެމުން އެބަދެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭދޮށަށް މީހުން އެއްވާން ފެށީ، މިއަދު އޮތް އެ މަޖިލިހުގެ ޖަލްސާގައި ޕީޕަލްސް އެސޯސިއޭޝަން އަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެވެމުން ދަނިކޮށް މަޖިލިސް ތެރެ ހޫނުވެ ޖަލްސާ މެދުކަނޑާލުމަށް ފަހުއެވެ.

މިއަދުގެ މަޖިލިސް ހޫނުވެ ވިއްސަކަށް މެމްބަރުން ގޮނޑިން ތެދުވެވަޑައިގެން މަޖިލިސްކުރާ ހޯލުގެ ކުރީ ސަފާ ދިމާއަށް ޖަމާވަމުންދިޔަ މަންޒަރު ގައުމީ ޓީވީން ފެނިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑީއާރޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކުގެ ގައިކޮޅަށް އަތްލާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މަޖިލިސްދޮށަށް އެއްވި މީހުންގެ ތެރެއިން ބަޔަކު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހުން ދޫކޮށްލާފައިވާކަމަށް ޚަބަރު ލިބިފައިވެއެވެ.

އަހްމަދު މުހަންމަދުގެ ކުއްލި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙުޤީޤަށް، ޖިނާއީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙަންމަދު، ހުރަސް އަޅުއްވަމުން ގެންދަވާތީ އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށް އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމަކުން ނިންމެވުމާ ގުޅިގެންނެވެ.