17 ޖުލައި 2010
މެކްސިކޯގެ ކަންކުންގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓަކީ އިންސާފުވެރި އަދި ނަތީޖާ ނެރެވޭފަދަ އެއްބަސްވުމަކަށް އާދެވޭ ސަމިޓަކަށް ހަދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފެށުނު ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަންކުން ސަމިޓަކީވެސް ހަމައެކަނި ދެން އޮންނަ ތިމާވެށްޓާބެހޭ ބައްދަލުވުމަށް މަގުފަހިކޮށްދޭ ބައްދަލުވުމަކަށް ވެވިގެން ނުވާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން ދުނިޔެ، އެއްބަސްވުމަކަށް އަންނަންދެން ރާއްޖެފަދަ އިސް ސަފުގައިވާ ޤައުމުތަކަށް މަޑުކުރެވެން ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.
މިއަދު މިފެށުނު ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ކުރިން، ބައިވެރިން ވިސްނާވަޑައިގަންނަވަންވީ ތިން ކަމެއް ރައީސުލްޖުމްހީރިއްޔާ ފާހަގަކުރެއްވިއެވެ.
ފުރަތަމަކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަކީ، އިތުބާރު ބިނާކުރުމުގެ މުހިންމުކަމެވެ. ރައީސް ވިދާޅުވިގޮތުގައި، ކޯޕަންހޭގަން ސަމިޓްގައިވެސް ކުރިއެރުން ހޯދުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކަށްވީ ބައިވެރިންގެ މެދުގައި ބައިބައިވުން އުފެދިފައިވުމެވެ. އެހެންކަމުން، ކަންކުން ސަމިޓް ފަށަންވާނީ މައިގަނޑު ކަންކަމާމެދު އެއްބަސްވުމެއް އޮވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ، ޤައުމުތަކުން ކޯޕަންހޭގަންގައި ވެފައިވާ އެއްބަސްވުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ދެންވެވޭ އެއްބަސްވުމެއް ބިނާވާންވާނީ ކޯޕަންހޭގަން އެކޯޑްގެ މައްޗަށް ކަމުގައެވެ. މި އެކޯޑަކީ ފުރިހަމަ އެކޯޑެއް ނޫން ކަން ޤަބޫލުފުޅުކުރައްވާ ކަމަށާއި އެހެންނަމަވެސް، މި އެކޯޑަކީ އެއްބަސްވުމުގައި ހިމެނެންވާ ފުޅާ ދާއިރާތައް ބަޔާންކޮށްދިނުމަށް ޤައުމުތަކުން ކޮށްފައިވާ މަސައްކަތް ރަމްޒުކޮށްދޭ އެކޯޑެއް ކަމުގައި ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މާލީކަންކަމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގެދަބުޅި މަދުން ބޭނުންކުރާ ތަރައްޤީއަކަށް ދިޔުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މި އެހީތެރިކަން އަންނަންވާނީ ތަރައްޤީވެފައިވާ އަދި ގެދަބުޅީގެ ވިޔަފާރީގައި އުޅޭ ޤައުމުތަކުން ކަމުގައި ވިދާޅުވިއެވެ.
މިއަދުގެ މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރުވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މަޝްވަރާކޮށްގެން ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ މަޝްވަރާ ބައްދަލުވުންތަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުއްވިއެވެ.
ކާޓެހެއިނާ ގްރޫޕަކީ މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ ސަމިޓާ ގުޅިގެން، އެއް ޚިޔާލުތަކެއް ގެންގުޅޭ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާތައް ކުރުމަށް އުފެދިފައިވާ ގްރޫޕެކެވެ.