ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު މުސްތަފާ މެންބަރު ކަމުގެ ހުވާ ކުރައްވައިފި

14 ޖުލައި 2009

ތިމަރަފުށީ ދާއިރާއަށް އިންތިޚާބު ވެވަޑައިގެންނެވި މ.ސީވޯލް މުޙަންމަދު މުސްޠަފާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އާއި މައިނޯރިޓީ ލީޑަރ އަލްފާޟިލް މޫސާ މަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު ބައިވެރިވެ ވަޑައިގެންނެވި މިރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު 8.30 ގައި މަޖިލިސްކުރާ ގޭގައެވެ. މި ތާރީޚީ ރަސްމިއްޔާތުގައި މުޙަންމަދު މުސްޠަފާއަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ އަރީފްއެވެ.
ތިމަރަފުށީގައި އަލުން ވޯޓުލާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސީ މެއި 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ވަގުތީ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާ ކުރި ހޯއްދަވާފައި ވަނިކޮށް، އޭނާއާއި އެންމެ ކައިރިން ވާދަކުރެއްވި ޑީއާރުޕީގެ ކެންޑިޑޭޓް އަދި ވޭތުވެދިޔަ 30 އަހަރު ރާއްޖޭގައި ވެރިކަން ކޮށްފައިވާ މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން، މުޙައްމަދު ޣައްސާން މައުމޫން އެނަތީޖާ ގަބޫލު ނުކުރައްވައި ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ޣައްސާން އާ އެއްކޮޅަށް ނިމުމުގެ ސަބަބުންނެވެ.
ތިމަރަފުށީ ވޯޓުގެ މައްސަލަ ހައިކޯޓުން މިގޮތަށް ނިންމުމުން މުސްތަފާ ވަނީ ސުޕްރީމް ކޯޓަށް މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުންވެސް ވަނީ މިމައްސަލަ އިސްތިއުނާފް ކުރުމަށް ބަލައިގަނެވެން ނެތް ކަމަށް ނިންމާފައެވެ. ހައި ކޯޓުގެ ނިންމުމަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވި މުސްތަފާ ވަނީ ސުޕްރީމް ކޯޓުގެ ނިޔާ އާއި މެދު ފާޑުކިޔޭނޭ ޖާގައޮތް ކަމަށް ގަބޫލުކުރައްވާ ނަމަވެސް، ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ އެންމެ ފަހު ބަސް އިއްވާ ފަރާތް ކަމަށްވާތީ އެފަރާތަށް އިހުތިރާމް ކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ފާޑުވިދާޅުވުމުން އެއްކިބާވެ ވަޑައިގެންފައެވެ.
ތިމަރަފުށީގައި މިނެގުނު ވޯޓަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ހާމަކަން ބޮޑު އިންތިޚާބު ކަމުގައި ވަރަށް ގިނަ ފަރާތް ތަކުން ވަނީ ސިފަކޮށްފައެވެ. ވޯޓުލުން ފެށިގެން ވޯޓު ގުނުން ނިމި ވޯޓުލީ 2 މަރުކަޒު ކަމަށްވާ ކޮޅުމަޑުލު ތައުލީމީ މަރުކަޒާއި ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގައި ވަގުތީ ނަތީޖާ އިއުލާން ކުރުމާއި ހަމަޔަށް ދައުލަތުގެ މީޑިޔާއިން ވަނީ މި ވޯޓުގެ ލައިވް ކަވަރޭޖް ގެނެސްދީފައެވެ.
މިވޯޓުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ މުހައްމަދު މުސްތަފާއަށް ތިމަރަފުށީގެ 2 ވޯޓުފޮށިން 502 ވޯޓު ލިބިލައްވާފައިވާ އިރު ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު ޣައްސާން މައުމޫނަށް ލިބިލައްވާފައިވަނީ 243 ވޯޓެވެ. އައިޑީޕީގެ ކެންޑިޑޭޓް އަދި އެޕާޓީގެ ނައިބް ރައީސް މުހައްމަދު ހަސަން މަނިކަށް 2 ވޯޓު ލިބިލައްވާފައިވާ އިރު ތިމަރަފުއްޓަށް އުފަން ތިމަރަފުށީގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަމްޖަދަށް ތިމަރަފުށިން އެންމެ ވޯޓެއްވެސް ލިބިލައްވާފައެއް ނުވެއެވެ. އަހުމަދު އަމްޖަދަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެވެ.
ތިމަރަފުށީ ދާއިރާގެ އިންތިޚާބަކީ ރާއްޖޭގެ އެންމެ ވާދަވެރި ދެ ސިޔާސީ ޕާޓީގެ މެދުގައި މިފަހުން ހިނގި އެންމެ ވަރުގަދަ “ފިކުރީ ހަނގުރާމަ” އެވެ. މިހަނގުރާމައިން އެމްޑީޕީ ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މިހާރުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ތިމަރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި އުފާފާޅުކުރުން ތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ތިމަރަފުށީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ މިކާމިޔާބީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށް، ތިމަރަފުށީ ރައްޔިތުން އެދެއްކި ސާބިތުކަމާއި ހިއްވަރަށް ތައުރީފްކޮށް ޝުކުރު އަދާކޮށްފައިވެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވެސް އަދި ތިމަރަފުށީގެ ގިނަ ރައްޔިތުންވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ސިފަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ “ރަންގޮނޑީ”ގެ ގޮތުއެވެ.