ރައީސް ނަޝީދު “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވައިފި

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު (5ޖުލައި-2013 ހުކުރު ދުވަހު) ހަވީރު މާލެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ކުޅިވަރުގައި ބައިވެރިވެވޭނެ މަގު ފަހިކޮށް، ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ހުރިހާ ރަށެއްގެ ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރުކޮށްދީ، ވިނަ އިންދައި އެހެން ވެސް ކުޅިވަރުތައް ބާރު ސްޕީޑުގައި ކުރިއެރުވައިދެއްވާނެކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްގީވުމަށްޓަކައި ޒުވާނުން ތަރައްގީވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ޒުވާނުން ތަރައްގީވުމަށް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި ޒުވާނުން ބާކީވެ މަގުން ކައްސާލައިގެންދާން ދޫކޮށްލައިފި ނަމަ ގައުމަށް ލިބޭނީ ނާކާމިޔާބު ކަމަށާއި، ޒުވާނުން ދޫކޮށްލައިގެން ރާއްޖެ އަށް ކުރިއެރުމެއް ނެތް ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކުރިއަށް ވުރެ މާބޮޑަށް ޒުވާނުންގެ ކަންކަމާ އަޅާލަންޖެހިފައިވާ ކަމާށާއި އެމްޑީޕީން ހުށަހަޅާ ސިޔާސަތުތަކުން ޒުވާނުންގެ އުއްމީދުތައް ހާސިލްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި 40 ރަށެއްގެ ބޯޅަދަނޑުގައި ޓާފް އަޅައި ވަށާފާރު ރާނައި 20 ރަށެއްގެ ބޯޅަދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ 60 ރަށުގައި ބައްޓާއި ނެޓްބޯޅަ ކޯޓު ތަރައްގީކޮށްދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދުގެ މި ސިޔާސަތަކީ ހަމައެކަނި ކުޅިވަރުގެ ސިޔާސަތެއް ނޫންކަމަށާއި، މި ސިޔާސަތަކީ ކުޅިވަރާ މަޖަލުގެ ސިޔާސަތެއްކަމުގައެވެ.

މީގެ އިތުރުންވެސް އެތައް އެތައް ކަންތައްތަކެއް އެކުލެވިގެންވާ މި ސިޔާސަތު އިފްތިތާހުކޮށްދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ޙަފްލާގެ ބައިވެރިންނާއެކު ލޮނުޒިރާތްކޮޅުގައި ގިނަ ކުޅިވަރުތައް ކުޅުއްވާފައެވެ. އޭގެ ތެރޭގައި .ފުޓްސަލް އާއި ބެޑްމިންޓަނާއި ޓޭބަލް ޓެނިހާއި ވޮލީ އާއި ދުވުމާއި ރާޅާއެޅުން ފަދަ ކުޅިވަރުތައް ކުޅުއްވިއެވެ.

“މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން”ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތު އިފްތިތާހު ކުރުމަށް ތަފާތުއެތައް ކުޅިވަރުތަކެއް ކުޅެވޭގަޮތަށް ތައްޔާރުކޮށްފައިވާ ރާޅުގަނޑު ސަރަހައްދުގައި އެކި އުމުރުފުރައިގެ މީހުން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވަމުންދިޔައެވެ. މީގެ ތެރޭގައި ގިނަ ކުޅިވަރުތަކުގެ މަޝަހޫރު ކުރީގެ ވެޓެރަންސް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ރައީސް ނަޝީދު ޖޯޝާއި، މަޖަލުގައި ގިނަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެމަނިކުފާނާއެކު އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ބޭފުޅުންނާއި، ޕާޓީ ލީޑަރުންނާއި ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.