“މަންމާ ފޫހިވަނީ” ބުނާއަޑު އަހާންނުޖެހޭ މަގުން ޅަކުދިންނާއި، ޒުވާނުންނަށް ކުޅިވަރުކުޅެ، މިއުޒިކާއި، މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

“މަންމާ ފޫހިވަނީ” ބުނާއަޑު އަހާންނުޖެހޭ މަގުން ޅަކުދިންނާއި، ޒުވާނުންނަށް ކުޅިވަރުކުޅެ، މިއުޒިކާއި، މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“މަޖާކުރުން – ބިރަކާއިނުލާ މުނިފޫހިފިލުވުން” ސިޔާސަތު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ ޢުމްރާނީ ތަރައްޤީގެގޮތުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގެ މަޤްސަދުގައި އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާން ވަޢުދުވާ އެތައްކަމެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ 20 ރަށުގައު ބޯޅަދަނޑު ޓާފް އަޅައި، ކުޅިބަލާ ގްރޭންޑް ސްޓޭންޑާއިއެކު ޗޭންޖިންގރޫމް ތަރައްޤީކުރައްވާނެކަމަށާއި، ރާއްޖޭގެ 40 ރަށެއްގައި ފުޓްސަލް ކުޅޭނެ ޓާފް ދަނޑުތައް ޤާއިމުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިންނަވަމުން، ރާއްޖޭގައި ހުރިހާ ރަށެއްގައިމެ، ބޯޅަދަނޑުތަކުގެ ބިން އެއްވަރުކޮށް، ވިނައިންދަވާ ފުޓުބޯޅަކުޅެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ބެޑްމިންޓަނާއި، ޓޭބަލް ޓެނިހާއި، ކްރިކެޓާއި، ފުޓުބޯޅައާއި، ބައްޓާއި، ދުވުމުގެ ކުޅިވަރުތަކުގެ ހެވިކަން ތަމްސީލުވަމުންދިޔަ ރާޅުގަނޑުގައި މިއަދު ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު 60 ރަށެއްގައި ބައްޓާއި، ނެޓްބޯޅަ ހުރިހާ ވަގުތެއްގައިމެ ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރި ކޯޓުތައް އަޅައިދެއްވާނެކަމަށާއި، ކުޅިވަރު ތަރައްޤީކުރުމުގެ ކަންތައް ލާމަރުކަޒީ ނިޒާމުގެ ވާސިތާއިން ކުރިއަށްގެންގޮސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރިކަމާއެކު ރަނގަޅު ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވޭނެ މަގުވެސް ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ މާލޭގައި ސްޕޯޓްސް އިންސްޓިޓިއުޓެއް ތަރައްޤީކޮށް، ޤައުމީ ޓީމުތަކަށް ޚާއްސަކޮށްގެން ތަމްރީނުދޭނެ މަރުކަޒުތަކެއް ޤާއިމުކުރައްވާނެކަމަށާއި، ކުޅިވަރު އެކުވެނި އެސޯސިއޝަން ހައުސްއެއްގެ ގޮތުގައި ހަމަޖައްސާ، އެކި ތަފާތު ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގެ އޮފީސްތައް އެތަނުގައި ހުންނާނެ މަގުން، އެތަނުގައި ޓްރޭނިންގ ފެސިލިޓީތަކާއި، ބޭރުގެ ޓީމުތައް ކުޅިވަރުކުޅުމަށް އައިސް ތިބޭނެގޮތް އިންތިޒާމުކުރެވޭނެކަމަށެވެ. އަދި އެއެސޯސިއޭޝަންތަކަށް އަހަރަކު 42 މިލިޔަން ރުފިޔާ ކަނޑައެޅޭނެކަމަށްވެސް ވިދާޅުވިއެވެ.

އަދި މާލޭގެ ޢާންމު ރައްޔިތުންގެ ސިއްޙަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށް މަގުފަހިކުރުމުގެގޮތުން ޢާންމުނަށް ހުޅުވާލެވިފައިވާ ރަނިންގޓްރެކްތަކާއި، ވޮލީ، ބާސްކެޓް، ފުޓްސަލް، ބެޑްމިންޓަން، އަދި އެކްސްޓްރީމް ސްޕޯޓްސް ކުޅެވޭނެ ތަންތަން ކަނޑައަޅުއްވައި، އިންތިޒާމުކުރައްވާނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މާލޭގެ ރަސްމީ ދަނޑުގެ ތިރީގައި ހުރި ފިހާރަބަރިތަކަކީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް އާމްދަނީ ލިބޭނެ ގޮތުން ހިންގޭ ތަންތަންކަމުގައި ހަމަޖައްސަވާނެކަމަށެވެ.

“މަޖާކުރުން – ބިރަކާއިނުލާ މުނިފޫހިފިލުވުން” އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ކުޅިވަރު ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއި، ސްޕޮންސަރުން ގުޅިގެން އަހަރުކު އެއްފަހަރު “ކުޅިވަރު ރޯލް މޮޑަލް”އިން ދެނެގަނެ ފާހަގަކުރުމަށް “ހީރޯސް ނައިޓެއް” ބާއްވަވާނެކަމަށާއި، “ލައިފް އާފްޓަރ ސްޕޯޓްސް”ގެ ދަށުން ރާއްޖޭގެ މަތީފަންތީގެ ކުޅިވަރު ކުޅުންތެރިންނަށް ކުޅިވަރުގެ ޙަޔާތް ނިމުމަށްފަހުވެސް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ޕެންޝަން ސްކީމެއް ޤާއިމުކުރައްވާނެކަމަށެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މާލޭގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން 2 ފަތާފެންގަނޑު ހަދާ، ސްޕޯޓްސް ސްކޫލެއް ތަރައްޤީކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ވިދާޅުވަމުން މިއަދު ރައީސް ނަޝީދުވަނީ ސްޕޯޓްސް ޓުވަރިޒަމް ތަޢާރަފުކުރެއްވުމުގެ ގޮތުން ބޭރުގެ ޓީމުތަކަށް ޗުއްޓީގެގޮތުގައި ރާއްޖެ އައިސް، ކުޅިވަރު ކުޅެވޭނެ ސްޕޯޓްސް ރިޒޯޓުތައް ފުޓުބޯޅަ، ޓެނިސްފަދަ ކުޅިވަރުތަކަށް ޚާއްސަކޮށްގެން އަމިއްލަ ފަރާތްތަކާ ގުޅިގެން ތަރައްޤީކުރައްވާނެކަމާއި، ދިވެހި ސާފަރުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް އެކުޅިވަރު ކުޅެވޭނެ ސަރަޙައްދުތަކުގައްޔާއި މާލޭގައި ޤާއިމުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މުނިފޫހިފިލުވުމުގެ ރޮނގުން މިއަދުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރަކުން ހަމަ ގައިމުވެސް ޒުވާނާ ޒުވާންކަމުން މަޙްރޫމުނުކޮށްލާނެކަމަށާއި، ޒުވާނާ ކުރިއަރަން ބޭނުންވާ، ކުޅިވަރު، ނަށަން ބޭނުންވާ ރާގު އަދި ބަލަން ބޭނުންވާ ފިލުމަކީ ކޮބައިކަން ނިންމުމުގެ ފުރުސަތު ހަމައެޒުވާނާއަށް ބިރަކާއި، ހުރަކާއިނުލާ ލިބެންޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

އަދި ޒުވާނުންގެ މަޖަލާއި، މުނިފޫހިފިލުވުން އެމްޑީޕީގެ ވަރިކަމެއްގައި އެސް.އޯ ފުލުހުންނަށް އައިސް “ފަނިކޮށްނުލެވޭނެ” ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖާކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދޫގައި ތީމްޕާކެއް އަދި މާލޭގައި ފިލްމާއި، މިއުޒިކާއި، ބޮޑުބެރާއި، ނެށުމާއި، ޑްރާމާފަދަ ކަންކަމަށް ފުރުސަތު ފަހިވާމަގުން އަމިއްލަ ފަރާތްތަކާ ގުޅިގެން އެންޓެޓެއިންމަންޓް ހައުސްއެއް ތަރައްޤީކުރައްވާނެކަމަށެވެ.

މިއާއެކު އަލަށް އުފެދޭ މުއިޒިކާއި، ބޮޑުބެރާއި، ސަޤާފީ މުނިފޫހިފިލުވުމާއި، ނެށުމުގެ ގްރޫޕްތަކުގެ ހުނަރުވެރިކަން ތަރައްޤީކޮށް، އެފަރާތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް “ސަރުކާރުގެ ތަރައްޤީގެ ގްރާންޓް”ގެގޮތުގައި އެހީދެވޭނެ 75 މިލިޔަން ރުފިޔާގެ އެންޓެޓެއިންމަންޓް ޓްރަސްޓެއް ޤާއިމުކޮށްދެއްވާނެކަމަށާއި، ސިޓީ ފެންވަރުގައި ތަރައްޤީކުރެވޭ 5 ރަށެއްގައި ޒުވާނުންގެ މަރުކަޒުތައް ތަރައްޤީކޮށް އެތަންތަނުގައި 20 ގޮނޑީގެ ސިނަމާތައް ޤާއިމުކުރެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިމެއެވެ.