ރައިސް ނަޝީދު “މަޖާކުރުން، ބިރަކާނުލައި ފޫހިފިލުވުން” ކުޅިވަރާ މުނިފޫހި ފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު މާދަމާ އިފްތިތާޙް ކޮށްދެއްވާނެ

BOKlLgjCUAAaHIA

ލިޔުނީ:ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު “މަޖާކުރުން، ބިރަކާނުލައި ފޫހި ފިލުވުން” ކުޅިވަރާ މުނިފޫހިފިލުވުމެގެ އެމްޑީޕީގެ ސިޔާސަތު މާދަމާ (4 ޖުލައި 2013- ބުރާސްފަތި)ހަވީރު މާލެ ރާޅުގަނޑު ސަރަހައްދުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

މާދަމާ އިފްތިތާޙްކުރާ މި ސިޔާސަތާ ގުޅޭގޮތުން މިއަދު(3 ޖުލައި 2013 –ބުދަ) އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ އަދި ޗެއަރޕާސަން ގެ ނައިބު އިދާރީ އަލީ ޝިޔާމު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ، މާދަމާ މި އިފްތިތާޙް ކުރެވޭނީ އެމްޑީޕީގެ 7ވަނަ މިނީ މެނިފެސްޓޯކަމަށާއި، “މަޖާކުރުން، ބިރަކާނުލައި ފޫހި ފިލުވުން” މި މާނަކުރަނީ: ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮންނަގޮތަކީ، މުނިފޫހިފިލުވުމުގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ، އެއީ މެއިންސްޓްރީމް މީހުން ކަމުގައި ފާހަގަ ކުރެވޭބައެއްކަމުގައި ނުވާކަމުން ކުޅިވަރުތަކާއި، ތަފާތު ފަންނުތަކަށް ދާ ފަރާތްތައް އަބަދުވެސް ތިބެނީ ހާސްކަމެއްގެ ތެރޭގައިކަމާއި، ތިމަންނާގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހޭނީ ކިހިނެއްތޯ އަބަދުވެސް ތިބެނީ ސުވާލުކޮށްކޮށްކަމަށެވެ.
އެހެންކަމުން އިރާދަކުރެއްވިއްޔާ އެމްޑީޕީއިން އުފައްދާ ސަރުކާރެއްގައި ސިޔާސަތުތައް ފަހިވެފައި ހުންނާނީ މީހުންނަށް އެމީހުންގެ މަސައްކަތުން އެމީހުންނަކީ ގަދަރުވެރި، ފަޙުރުވެރި ބައެއްގެ ގޮތުގައި އުޅެވޭބަޔަކަށް ހަދައިދީ، އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިގެންދާނެ ސިޔާސަތުތަކެއް އެމްޑީޕީއިން ބައްޓަން ކޮށްދޭނަންކަމަށެވެ.

އަދި އެމްޑީޕިގެ ވަރަށް ބޮޑު އަމާޒެއް އެއީ، ކުޅިވަރުގައާއި އެކިފަންނުތަކުގެ އެކަށީގެންވާ ފެސިލިޓީސް ޒުވާނުންނަށް ނެތުމުގެ ސަބަބުން އެމީހުން ކުރިޔަށްދާން ބޭނުންވާ ގޮތަށް ކަންކަން ކުރެވިގެންނުދެވުން، އެހެންވީމާ އެމްޑީޕިގެ ސިޔާސަތު ވަރަށް ފުޅާކޮށް މި ފާހަގަކުރަނީ، އަޅުގަނޑުމެން އުފައްދާ އެމްޑީޕީގެ ސަރުކާރުގައި މި ކަންތައްތަކަށް ފައިސާ ކަނޑައެޅިފައި ހުރިގޮތާއި، ވިސްނުން ގެންގުޅޭންގޮތް މިސިޔާސަތުން ހާމަކޮށްދޭނެކަމަށެވެ.

އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އަބަދުވެސް ފާހަގަ ކުރައްވާ ފަދައިން ހިތްހަމަޖެހުމާ އެއްކޮށް ހާސްކަންކަޑާލާފައި ދިރިއުޅޭ އުޅުމުން އަޅުގަނޑުމެންގެ ތަރައްޤި ހާސިލު ކުރެވޭނީ. އެހެންވީމާ ހުރިހާ ފުރައްކަށްވެސް، ކުޑަކުދިންފެށީގެން އެމީހާ ނެތިދިއުމަށް ދާންދެން މުނިފޫހިފިލުވުމާއި، ކުޅިވަރަކީ އެމީހުންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އެމްޑީޕިއިން ހަދައިދިނުންކަމުގައެވެ. އަބަދުވެސް އެމްޑީޕީއިން މި ގެންގުޅެނީ ވަށާޖެހޭ ސިޔާސަތުތަކެއްކަމުގައާއި، އެމްޑީޕީގެ އެއް ިސޔާސަތު އަނެއްސިޔާސަތާ ލާމެހިފަވާގޮތަށް ސިޔާސަތުތައް ހުންނާނީ އަދި އެހެންވީމާ ދުޅަހެޔޮ ފަޙުރުވެރި މީހާ އަޅުގަނޑުމެންނަށް އުފައްދައި ދެވޭނެކަމުގައިކަމަށެވެ.

މި ޕްރެންސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކެމްޕެއިން ކޮމެޓީގެ މެމްބަރ އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ މައިގަނޑު ވިސްނުން ގެނެސްފައިވަނީ، ވަރަށް ގިނަ ކަންކަމަށް ބަލާ ދިރާސާކޮށްފައިކަމަށާއި، ކުޅިވަރުތައް ކުރިއެރުވުމަށާއި، އަދި މުނިފޫހިފިލުވުމުގެ ދާއިރާގަ މައިގަނޑުގޮތެއްގައި ސަޕޯޓެއްނެތްކަން ފާހަގަކުރެވިފައިވާކަމުން އެހުރިހާ ކަންތައްތަކަށް ސަޕޯޓު ދެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށް ޕޮލިސީގަ ވާނި ބަލާފަކަމަށާއި، ޕޮލިސީތަކުގެ ތެރެއިން އޮންނާނެ 20ވަރަކަށް ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފަކަމަށައި، އަދި އެމްޑީޕީގެ ސަރުކާރުގައި މި ޕްރޮގްރާމްތައް ހިންގަން ވަރަށް ބޮޑު އަދަދަކަށް ފައިސާގެ ހޭދަކުރާނެކަމަށެވެ.

އަދި މި ތަފާތު 20 ޕްރޮގްރާމް ހިންގަން ނިންމާ އެ ޕްރޮގްރާމްތަކާ އެކު ޒުވާނުންނަށް ކުރިއަށް ދިއުމުގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މީގެ ގިނަކަންތައްތަކަކީ ވަރަށް ގިނަ ޒުވާނުން، ޅަ މީހުން މިކަމުގަ ބައިވެރިކުރުވައިގެން، އެމީހުންގެ ވިސްނުން ރަގަޅުކޮށްގެން އެމީހުންނަށް ވަޒީފާ ހޯދަދީ، ހަރުދަނާ ބަޔަކަށް ހެދުމަށް ކަޑައެޅިފައިވާ ޕްރޮގްރާމްތައް މީ ސިޔާސަތުގައ ހިމެނޭނެ ކަމަށާއި، މި ސިޔާސަތުގަ ޕްރޮގްރާމްތަކަށް އަމިއްލައަށް އެމީހުންނަށް ބޭނުންވާ ފައިސާގެ އެހީތައް ލިބޭނެގޮތްތައް ހުންނާނެކަމަށާއި، އަދި އުމްރާނީ ތަރައްޤީތަކެއް އެކި ހިސާބުގަ ޤާއިމުކުރެވޭނެކަމާއި ، ހާއްސަކޮށް ހުރިހާ ކުޅިވަރެއް ކޮންސަންޓްރޭޓް ކުރެވިފަމިހުންނަނީ މާލެގައި ކަމަށްވާތީ ، އެގޮތާ ހިލާފަށް އެމްޑީޕިއިން އުފައްދާ ސަރުކާރުން ޑީ ސެންޓްރަލައިޒް ކޮށްފަ ކުޅިވަރުގެ ފޯރި އަލުން ގެންނާނެކަމަށެވެ.

އަދި ޝާހިދު ވިދާޅުވީ، ކުޅިވަރުގެ ފޯރި ނުގެނެވިގެން އުޅޭ މައްސަލައަކީ އެކަންކަމަށް ސަޕޯޓު ނުލިބޭތީކަމަށެވެ. އަދި އެމްޑީޕީ މި ސިޔާސަތުން ހަމައެކަނި ކުޅިވަރު ކުޅޭމީހުންނަށާއި، ފިލްމް ކުޅޭ މީހަކަށް އެކަންޏެއްނޫން ސަޕޯޓުދޭނީކީ އަދި ސަޕޯޓު ލިބޭނީކީ، އެމްޑީޕިގެ ޕޮލިސީ ތެރޭގައި މައިގަނޑު ތީމެއްގެގޮތުގައިވާ “ސަޕޯޓް ސްޕޯޓް، ސަޕޯޓް އެންޓަރޓެއިންމަންޓް” މީގެ ދަށުން އެދާއިރާއެއްގަ އެ އިންޑަސްޓްރީއެއް ކުރިއަރުވަން ބޭނުންވާ ހުރިހާ ބަޔަކަށް ސަޕޯޓު ދޭނެކަމަށާއި ، މިސާލަކަށް މެނޭޖަރެއް ވިޔަސް ކޯޗެއް ވިޔަސް އެކަމަށް ފެސިލިޓޭޓް ކުރަން އިންފްރާ ސްޓަރަކްޗަރވެސް ހަދާނެކަމަށާއި، އަދި އޭގެ އިތުރަށް ފައިސާގެ އެހީ ވެވޭނެ ގޮތައްވެސް ހުންނާނެކަމަށް ސާބެ ވިދާޅުވިއެވެ.

މި ސިޔާސަތު 21 ސރަހައްދެއްގައި އިފްތިތާޙް ކުރުން އޮތްކަމުގައި ވީނަމަވެސް މާދަމާ އިފްތިތާޙް ކުރެވޭނީ ހަމައެކަނި މާލޭގައި ރާޅުގަނޑު ސަރަހައްދުގައި ހަވީރު 4 ޖަހާއިރު ފެށޭ ރަސްމިއްޔާތުގައިކަމާއި،އަނެއް 20 ސަރަހައްދުގައި ސިޔާސަތު ހާމަކުރެވޭނީ މި ޖުލައި މަހުގެ 6ވާ ހޮނިހިރު ދުވަހުކަމުގައެވެ.
އަދި މާދަމާ ތަފާތު އެތައް ކުޅިވަރުތަކާއި، މޫނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށާއި، އަދި މި ކުޅިވަރުތަކުގެ ތެރެއިން “މަޖާކުރުން، ބިރަކާނުލައި ފޫހި ފިލުވުން” ކުޅިވަރާ މުނިފޫހި ފިލުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރުން ކުރިޔަށް ދާނެކަމަށެވެ. އަދި މީގެ އިތުރުން ރޭގަނޑު 830 ފެށިގެން
މެންދަމު 12 ޖަހަންދެން މިޔުޒިކު ކުރިޔަށް ދާނެކަމަށެވެ.

ރައީސް ނަޝީދު ވަނީ ވީހާވެސް ގިނަ ބަޔަކު (ކުދި ބޮޑު އެންމެން) މި ސިޔާސަތު އިފްތިތާހްކުރާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.