އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދަށް ނިސްބަތްކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރަނިންމޭޓް މުހައްމަދު ޖަމީލް އަހުމަދު ހަޤީޤަތާ ޚިލާފް އެތައް ވާހަކަތަކެއް ދެއްކެވުމާއި ފިތުނަ ފަސާދަ އުފެއްދެވުމަށް އަދި ރައްޔިތުންނަަށް އޮޅުވާލެއްވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްތަކެއްކަމުގައި މިޕާޓީން ޤަބޫލު ކުރަން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމދު ނަޝީދަށް ނިސްބަތްކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރަނިންމޭޓް މުހައްމަދު ޖަމީލް އަހުމަދު ރޭ (2 ޖުލައި 2013) އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ހަޤީޤަތާ ޚިލާފް އެތައް ވާހަކަތަކެއް ދެއްކެވުމާއި ފިތުނަ ފަސާދަ އުފެއްދެވުމަށް އަދި ރައްޔިތުންނަަށް އޮޅުވާލެއްވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ދަށު ދަރަޖައިގެ ފިނޑި ޢަމަލެއްތަކެއްކަމުގައި މިޕާޓީން ޤަބޫލު ކުރަމެވެ.

ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ މުޙައްމަދު ޖަމީލް އަހުމަދަކީ ދިވެހިރައްޔިތުންގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ރާއްވަވައި ޚުދުމުހުތާރު ވެރިކަމެއް ދިވެހިރާއްޖެއަށް އަނބުރާ ގެނައުމަށް މަސައްކަތްކުރައްވާ، ދިވެހިރައްޔިތުންގެ ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި ބާޣީ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އައްޑޫ ސިޓީގެ އެތައް ރައްޔިތުންނަކަށްް ފުލުހުން މެދުވެރިކޮށް އަނިޔާކުރުވައި، މުޅި ދިވެހި ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލައި ސިޔާސީ ނުފޫޒު އެމުވައްސަސާއަށް ފޯރުވައި އައްޑޫ ސިޓީގެ އެތައް ރައްޔިތުންނެއްގެ މައްޗަށް ނުހައްގުން ޓެރަރިޒަމްގެ ދައުވާވެސް އުފުލުމުގެ ޒިންމާ މުޙައްމަދު ޖަމީލް އަހުމަދު ނަންގަވަން ޖެހޭނެއެވެ.

މީގެ އިތުރުން މުޙައްމަދު ޖަމީލް އަހުމަދަކީ އެބޭފުޅާގެ ކުރީގެ ޕާޓީ ޤައުމީ ޕާޓީގައި ހުންނަވައިގެން އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އެކަމުން އައްޑޫ ސިޓީގެ ރައްޔިތުން މަހުރޫމު ކުރުވުމަށް، އެކަން ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅުއްވާ އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށް ހުށައެޅުނު ބަޖެޓާއި ސީދާ ދެކޮޅަށް ވާހަކަދެއްކެވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގައި ބޭއްވި ސާރކް ސަމިޓުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅިފައިވާ އެތައް ޕްރޮޖެކްޓެއް ހިންގި، ފެނާއި، ނަރުދަމާ އަދި ބަނދަރުގެ މަސައްކަތްވެސް ހިންގުނުކަން މިދަނޑިވަޅުގައި ފާހަގަ ކުރަމެވެ. އެހެންނަމަވެސް ޖަމީލް ނިސްބަތްވާ ކެބިނަޓަކުން ނިންމައި ސަދަން ޔުޓިލިޓީޒްގެ މަސައްކަތް މައި ސަރުކާރުންކޮށް މުޅި އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަސައްކަތް މިހާރު ހުއްޓިފައިވާކަމީ އައްޑޫ ސިޓީގެ ތަރައްޤީއަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް އަނެއްކާވެސް ވޭތުވެދިޔަ 30 އަހަރުގެ ބިކަ ހާލު ޖެއްސުމުގެ ވިސްނުމުގައި ކޮށްފައިވާކަންކަން ކަމުގައި ޤަބޫލުކުރަމެވެ.

އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މީގެ ކުރިން ސަރުކާރެއްގައި ކުރެވިފައިނުވާ މިންވަރަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރަމެވެ. އައްޑޫ ސިޓީގެ 2614 ރައްޔިތުންނަށް 85 މިލިއަން ރުފިޔާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބިގެން ދިޔަކަން އަޅުގަނޑުމެން އުފަލާއެކު ބަލައިގަންނަމެވެ. އަދި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފޭދުގައި 25 ރޯހައުސް ތަރައްޤީކުރެވި އިތުރު ހައުޒިން ޔުނިޓުތައް ހިތަދޫގައިވެސް ތަރައްޤީކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ މަގު ހެދުމާއި ބަނދަރު އަދި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ބައެއް މަސައްކަތް ނިމި، އަނެއްބައި މަސައްކަތް ހުއްޓިފައިވަނީ ޖަމީލު ހިމެނިވަޑައިގަންނަވާ ފުޅާ ކޯލީޝަނުގެ ދޯދިޔާކަމުންކަމުގައި ދެކެމެވެ.

އެމްޑީޕީއަކީ ތަރައްޤީގެ ޕާޓީއެއްކަމަށް ޤަބޫލުކުރާ ހިނދު އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ނުހަނު ގިނަ މަސައްކަތް ކޮށްފައިވާ ހިނދު މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓި ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކޮންމެ ވަގުތެއްގައިވެސް ވަޑައިގެންނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި ވަގުތު ލިބިވަޑައިގެންނެވުނު މިންވަރަކަށް ރައީސް ނަޝީދު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރެއްވުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

3 ޖުލައި 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓެރިއޭޓް