ފުވައްމުލަކުގައި ކޮރަޕްޝަން ނައްތާލުމާއި އަދުލު އިންސާފު ޤާއިމްކުރުމަށް ގޮވާލާ ހިނގާލުމެއް މިއަދު ބާއްވައިފި

17 ޖުލައި 2010

picture-004-480-x-360

ފުވައްމުލަކުގައި ކޮރަޕްޝަން ނައްތާލުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ގޮވާލާ ހިނގާލުމެއް އިއްޔެ ބާއްވައިފިއެވެ.
އެމްޑީޕީ ފުވައްމުލަކު ދާއިރާއިން އިންތިޒާމްކޮށްގެން ބޭއްވި ހިނގާލުމުގައި ދެ ހާހެއްހާ މީހުން ބައިވެރިވެފައިވެއެވެ. ހިނގާލުމުގައި ބައިވެރިވި މީހުން ގޮވާލައިފައިވަނީ ކޮރަޕްޝަން ނައްތާލުމުށާއި ކޮރަޕްޝަނަކީ މުޖުތަމައު ފަސާދަވާ ނުބައި އަމަލެއް ކަމަށާއި އަދި ރިޝްވަތަކީވެސް އެފަދަ ނުބައި އަމަލެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިބި ކަރަޕްޝަނާއި ރިޝްވަތު ދޭ މެންބަރުން ވަގުތުން ހައްޔަރުކުރުމަށް ގޮވާލާފައިވެއެވެ.
ހިނގާލުމުގައި އިތުރަށް ގޮވާލައިފައިވަނީ ދިވެހި ރާއްޖޭގެ އަދުލު އިންސާފު ހަމައިން ނެއްޓިއްޖެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް އަސްލަކީ ރިޝްވަތާއި ކޮރަޕްޝަން ކަމަށެވެ. އަދި ރިޝްވަތުދޭ މީހުންނާއި ރިޝްވަތު ހިފާމީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ގޮވާލާފައިވެއެވެ.
ފުވައްމުލަކުގައި ތިބި ސިވިލް ސާރވިސްގެ އިސްބައެއް މުވައްޒަފުން ވަކި ފަރާތަކަށް ތަބާވެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދޭކަމަށް ތުހުމަތުކޮށް އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާދިނުމަށްވެސް ގޮވާލާފައިވެއެވެ.