ރައީސުލްޖުމްހޫރިއްޔާ އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައިފި

17 ޖުލައި 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ޑޮކްޓަރ ބޯލްޑްވިން ސްޕެންސަރއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެޤައުމަކީ، ޖޯގްރަފީގޮތުން ވަރަށް ދުރުގައިވާ ދެޤައުމު ކަމުގައިވީނަމަވެސް، ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަމުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ވެދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމާ ގުޅިގެން، ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ، ރާއްޖެއިން ވަރަށް ކަންބޮޑުވާ މައްސަލަތަކެއް ކަމަށް ވިދާޅުވެ، މިކަމުން ސަލާމަތްވުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުންވެސް ބޮޑުވަޒީރު ސްޕެންސަރއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މިކަމުގައި ކުރެވޭ މަޝްވަރާ ތަކުގައި ކުދި ޤައުމުތަކުން އެއްވިސްނުމެއް ގެންގުޅުމަކީ ކިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޯޕަންހޭގަން އެކޯޑްގައި ސޮއިކޮށް އެއަށް އަވަހަށް ޢަމަލުކުރަން ފެށުމަށް ޤައުމުތަކަށް ބާރުއެޅުއްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ.

ބޮޑުވަޒީރު ސްޕެންސަރގެ ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެފަދައިން އެންޓިގުއާ އެންޑް ބާބިއުޑާއަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔެ ހޭލުންތެރި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢްރީފު ކުރެއްވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މިއަހަރު ފަހުކޮޅު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 16ގެ ބައްދަލުވުމުގައި ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މިއަދު ފެށުނު ކާޓެހެއިނާ ގްރޫޕްގެ ބައްދަލުވުމުގައިވެސް މިކަންކަމާމެދު މަޝްވަރާކުރެވި ކާމިޔާބު ބައްދަލުވުމަކަށް މި ބައްދަލުވުން ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ސަރަޙައްދީ ޖަމްޢިއްޔާތަކުގެ ދައުރުގެ މައްޗަށްވެސް ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމަށް ބޮޑުވަޒީރު ސްޕެންސަރ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.