އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި

17 ޖުލައި 2010

pm-antigua

މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ ސަމިޓާ ގުޅިގެން، އެއް ޚިޔާލުތަކެއް ގެންގުޅޭ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާތައް ކުރުމަށް އުފެދިފައިވާ ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ޑޮކްޓަރ ބޯލްޑްވިން ސްޕެންސަރ، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. ބޮޑުވަޒީރު ބޯލްޑްވިނަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީއެވެ.

ބޮޑުވަޒީރު ސްޕެންސަރއަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން އޮތީ، މާލޭ ރަސްމީ ފާލަމުގެ ކުރިމަތީގައެވެ. އެމަނިކުފާނު މާލެ ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބޮޑުވަޒީރުގެ ޝަރަފްގައި ބޭއްވުނު އޮނަރގާޑެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާ ދެބޭފުޅުން ހިންގަވާފައި ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އެއީ، އެ ދެބޭފުޅުންގެ ރަސްމީ ބައްދަލުކުރެއްވުމަށެވެ.