ކޮރަޕްޝަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް އެބަ މަޖުބޫރުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

17 ޖުލައި 2020

ކޮރަޕްޝަން ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިކަމަށް ޙައްލެއް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ސަރުކާރަށް އެބަ މަޖުބޫރުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮރަޕްޝަނަކީ ރައްޔިތުން އިންތިހާއަށް އެކަމާ ނަފްރަތުކުރާ ކަމެއްކަމާއި، މިދިޔަ ހަފްތާގައި ބޭއްވި ޞުލްޙަވެރި ހިނގާލުމުން، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޢަމަލީގޮތުން ކޮޅަށް ތެދުވެ ތިބިކަން ހާމަވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިއަދު މިވަނީ ވަރަށް ބޮޑަށް ކިލަނބުވެފައި ކަމާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ވަރަށްގިނަ ގޮންޖެހުންތަކަކާ މިއަދު ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ބައެއް އިސް ވާދަވެރި ސިޔާސީ ބައެއް ބޭފުޅުން، އެބޭފުޅުންގެ ސަލާމަތަށާއި އަދި ހަމައެހެންމެ މުޅި ރާއްޖޭގެ މަޞްލަޙަތަށްޓަކައި މިވަނީ އެކަހެރި ކުރެވިފައި ކަމަށާއި، އެކަން އެގޮތަށް ކުރައްވަން ސަރުކާރުން ނިންމެވީ، އެކަން އެހެން ނުކުރައްވައިފިނަމަ، ދެން ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކާއި އަދި ކުރިމަތިވެދާނެ ނުރަނގަޅު ކިތަންމެ ކަމެއް އަންދާޒާ ކުރެވޭތީ، މިވަގުތު ކުރައްވަން މަޖުބޫރު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، އެކަހެރި ކޮށްފައި ތިއްބެވި ބޭފުޅުން، އެގޮތަށް މިވަގުތު ތިއްބަވާނެކަމާއި، ސަރުކާރުން އެކަން އެގޮތަށް ކުރިއަށް ގެންދެވުމަށް މިހާރު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިވަގުތު ރާއްޖެއަށްޓަކައި އަދި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރައްވަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަންކަން ކުރެއްވުމުގައި އިރާދަކުރެއްވިއްޔާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. “އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ، އަޅުގަނޑުމެންނަށް މިރާއްޖޭގައި ރިވެތިކޮށް، ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ އެންމެންނަށްވެސް މިރާއްޖޭގެ މުއްސަނދިކަން ބެހިގެންދާނެ، ލިބިގެންދާނެ އުޞޫލުތަކެއް، ސިޔާސަތުތަކެއް، ތަރުތީބުތަކެއް ކަނޑައެޅުން. އަދި ޤާއިމްކުރުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރާއްޖޭގެ ކަންކަން މިއަށްވުރެ އޮމާންކޮށް ގެންދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމެއް ހިންގަން ފެށުނުތާ އަދި މާގިނަ ދުވަސްނުވާކަން ފާހަގަކުރައްވަމުން، އެފަދަ ނިޒާމެއް ތަޞައްރުފު ފުދިގެން އަންނައިރު، އޭގެތެރެއިން ނުވެނުދާނެ ކިތަންމެ ކަމެއް، އަދި ކުރިން އަންދާޒާ ކުރެވިފައިނުވާ ކިތަންމެ ކަމެއް ކުރިމަތިވާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބު ނިންމަވައިލެއްވީ، އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިމިވާ ކަންކަމުން ނުކުމެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، އެ ބޮޑު މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ހިނގަން އޮތް މަގު ކިތަންމެ އުނދަގޫ ކަމުގައިވިޔަސްވެސް، އެދަތިތަކުން އަރައިގަނެވި، އެމަގުން ހިނގޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމުގައިވެސް ވިދާޅުވަމުންނެވެ.