ތިމަރަފުށީ ދާއިރާއަށް ދެވަނަ ފަހަރަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިންތިޚާބުވުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އުފާފާޅުކޮށްފި

12 ޖުލައި 2009

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް މެމްބަރެއް ހޮވުމަށް އިއްޔެ ތިމަރަފުށީގައި ބޭއްވުނު ވޯޓުލުމުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު މުސްތަފާ ދެވަނަ ފަހަރަށް ކުރި ހޯއްދެވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަރަށް ކުލަގަދަކޮށް އެޕާޓީގެ ހަރުގޭގައި އުފާފާޅުކޮށްފިއެވެ. ރޭ އެމްޑީޕީގެ މައިހަރުގެއަށް އެއްވެ ތިބި މެމްބަރުން ތިމަރަފުށީ ދާއިރާއިން މުސްތަފާ ހޯއްދެވި ކާމިޔާބީއަށްޓަކައި ތިމަރަފުށީ ރައްޔިތުންނާމެދު ތަފާތު ޝުއޫރުތައް ފާޅުކުރެއްވިއެވެ. ހަރުގޭގައި ވާހަކަދެއްކެވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ.
މިބޭފުޅުންގެ ވާހަކަ ފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވައިފައިވަނީ ތިމަރަފުށީ ރައްޔިތުންނަށް ލިބުނު ކާމިޔާބުގެ މައްޗަށެވެ. އަދި މުޙައްމަދު މުސްތަފާ އަށް މަރްޙަބާ ކިޔުއްވާ ތިމަރަފުށީ ރައްޔިތުންނަކީ ވަރަށް އިޙްލާސްތެރި ދުރުވިސްނޭ ރައްޔިތެއް ކަމުގައި އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި މުޙައްމަދު މުސްތަފާ މިގޮޑި ކާމިޔާބުކުރެއްވިކަން އެއީ ތިމަރަފުށީ އެންމެހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި ވިދާޅުވިއެވެ.
ރޭ ހަރުގޭގައި ވާހަކަ ދެއްކެވި އެންމެހާ ބޭފުޅުންވެސް ވިދާޅުވީ 9 މޭ 2009 ގައި އޮތް ވޯޓުލުމުގައި ތިމަރަފުށީ ގޮނޑި މުސްތަފާ ކާމިޔާބު ކުރެއްވި ފަދައިން ދެވަނަ ފަހަރަށް އިއްޔެ ބޭއްވި ވޯޓުލުމުގައިވެސް އޭނާ އެގޮނޑި ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މިބައްދަލުވުމުގައި ތިމަރަފުށީގައި ހުންނަވައި ފޯނު މެދުވެރި ކުރައްވައި މުޙައްމަދު މުސްތަފާ ހަރުގޭގައި ތިބި ހަސަތޭކަޔާ ގާތްކުރާ އަދަދެއްގެ މީހުންނާ މުހާތަބު ކުރެއްވިއެވެ. މުސްތަފާ ވިދާޅުވީ “އަޅުގަޑުގެ އަޒުމެއް އެއީ މިރާއްޖޭގެ ސިޔާސީ ހަޔާތުގައި ކުރީގެ ރައީސް މައުމޫނު އަދި އޭނާގެ ދަރިފުޅު ޣައްސާން މައުމޫންއަށްވެސް އެއްވެސް ގޮޑިއެއް ދެން ކާމިޔާބު ވިޔަނުދިނުން، ޙާއްސަކޮށް ތިމަރިފުށީގެ ގޮޑި ލިބުނަނުދިނުން… އަދި މީގެ އިތުރުން ތިމަރަފުށީގައި ޣައްސާން މައުމޫނަށް ސިޔާސީގޮތުން އެއްވެސް ޖާގައެއް ނޯންނާނެ” ކަމަށް ވިދާޅުވިއެވެ.