ރައީސް މުޙައްމަދު ނަޝީދު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުފުޅެއްގައި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު(2 ޖުލައި 2013-އަންގާރަ) ފުރާވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކެންދޫއަށެވެ. އެއަށްފަހު މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ ތުޅާދޫއަށެވެ. އަދި މިރޭ ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ‘އެއްބުރުން’ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު މާދަމާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ބ.އޭދަފުށްޓަށެވެ. އެއަށްފަހު މާޅޮހަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުަގައި އެމްޑީޕީގެ ޗެއަރޕަރސަން މޫސާ މަނިކާއި، ޕަރލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދާއި، އެމްޑީޕީގެ ސްޕޯކްސްޕަރސަން އިމްތިޔާޒް ފަހުމީ އަދި އެމްޑީޕީ ޤައުމީ މަޖިލހުގެ މެމްބަރުން ބައިވެރވެވަޑައިގަންނަވައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. އަދި ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ބ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.