ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އިސްވެ ހުންނަވައިގެން “ޤައުމީ އިއްތިޙާދު” ޕާރޓީއަށް ވަގަށް މެމްބަރުން ވެއްދުމުގެ ވައްކަމާ ގުޅޭ ތަޙްޤީޤް ހިންގުމަށް ގޮވާލާ ނެރޭ ނޫސްބަޔާން

noosbayan

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ފުނޑުފުނޑުކޮށް، ޑިމޮކްރެޓިކް ނިޒާމް ގަނޑުބަޑުކޮށް ބަޣާވާތްކުރެއްވުމަށްފަހު ވެރިކަމަށް އަރައިވަޑައިގެން ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވޭ “ޤައުމީ އިއްތިޙާދު” ޕާރޓީ އުވިދާތީއާއި، އެޕާރޓީއަށް ވަނުމަށް މީހުންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތުމުގެ ސަބަބުން، އެ ޕާރޓީއަށް މެމްބަރުން އިތުރުކުރުމުގެ ބޭނުމުގައި އެޕާރޓީއަށް ވަގަށް މެމްބަރުން ވައްދަމުންދާކަމާއި، އަދި އެގޮތުން މަރުވެފައިވާ 11 މީހެއްގެ ނަން އެޕާރޓީގައި މިހާތަނަށް ވެސް ވަގަށް ޖައްސައި މަކަރާއި ހީލަތް ހަދާފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ފަޅާއަރާފައިވީހިނދު، އެކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ތަޙްޤީޤްކުރެއްވުމަށް ފޮނުއްވެވި ޖިނާޢީ ކުށުގެ މައްސަލަ ވަގުތުން ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.

ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އިސްވެ ހުންނަވައިގެން، އެހެން ސިޔާސީ ޕާރޓީތަކުގައި ރަޖިސްޓްރީވެފައިތިބި މެމްބަރުންނަށް ނޭގި އެމެމްބަރުން، އެބޭފުޅާގެ މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވޭ “ޤައުމީ އިއްތިޙާދު” ޕާރޓީއަށް ވަގަށް ވައްދާފައިވާކަމަށް މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ތަޙްޤީޤަކަށްފަހު ނެރުއްވި ބަޔާނެއްގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެޕާރޓީއަށް ވައްދާފައިތިބި މީހުންގެތެރެއިން 85 ޕަރސެންޓް މީހުން ވައްދާފައިވަނީ އެމީހުންނަށް ނޭގި ވަގަށް ކަމަށް އޭ.ސީ.ސީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެ.

އެހެންކަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އިސްވެ ހުންނަވައިގެން މިފަދަ ބޮޑު ވައްކަމެއް ނުވަތަ މަކަރާއި ހީލަތެއް ހައްދަވާފައިވާ މައްސަލަ އަވަސްގޮތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤްކުރުމަށާއި އަދި އެ ތަޙްޤީޤް ފުރިހަމައަށް ކުރެވޭކަން ޔަޤީންކުރެއްވުމަށްޓަކައި ޕްރޮސިކިޔުޓަރ ޖެނެރަލްގެ ޤާނޫނީ ދައުރު އަދާކުރެއްވުމަށާއި އަދި ދަޢުވާކުރައްވަންޖެހޭ ފަރާތްތަކާމެދު ދަޢުވާކުރެއްވުމަށް މި ޕާރޓީން ގޮވާލަމެވެ. އަދި މިކަމުގެ ތަޙްޤީޤް ހިނގަމުންދާ ގޮތް މި ޕާރޓީން ގާތުން ބަލަމުންދާނެކަން ވެސް ފާހަގަކުރަމެވެ.

2 ޖުލައި 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓެރިއޭޓް