ފަނޑިޔާރުންނާއި، ފަނޑިޔާރުގޭގެ ޤަދަރުވެރިކަމާއި، ޢިއްޒަތާ ގުޅޭގޮތުން ހިތާމަވެރި އަދި ކަންބޮޑުކުރުވަނި ގިނަގުނަ ކަންކަން ތިލަވަމުންއަންނަކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ފަނޑިޔާރުންނާއި، ފަނޑިޔާރުގޭގެ ޤަދަރުވެރިކަމާއި، ޢިއްޒަތާ ގުޅޭގޮތުން ހިތާމަވެރި އަދި ކަންބޮޑުކުރުވަނި ގިނަގުނަ ކަންކަން ތިލަވަމުންއަންނަކަމަށް ސިޓީ ހޯލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤަދަރުވެރިކަމާއި، ޢިއްޒަތާއި ގުޅޭގޮތުން ޒަމާނުއްސުރެން ފެށިގެންވެސް މިންގަނޑުތަކެއް ކަނޑައެޅިފައި އެބަހުރިކަމަށާއި، “އަދަބުވެރިކަން ނެތުނުމީހާ، ދެދުނިޔޭން ގެއްލި ނިމިދާނޭ، މަދަދުވެރިކަން ނެތީވިއްޔާ، ޤަދަރުނެތިގެން ހިނދައިދާނޭ” ޝާޢިރުން ވިދާޅުވެފައިވާއިރު، ޤާނޫނު އަސާސީގައިވެސް ބަޔާންވެފައިހުރީ އެމިންގަނޑުތައްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުތައް ބެލެހެއްޓުމުގެ ޒިންމާ ޙަވާލުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ނަމަވެސް، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދާއި ގުޅޭގޮތުން އެކޮމިޝަނަށް 12 މަސްއަލަ ހުށަހެޅުނުކަމަށެވެ.

އެއިން ކަމެއް ބެލި ފިޔަވަޅު އެޅިފައިނުވާކަމަށްޓަކައި، އެކަމުގައި ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ކޮމިޝަނަރ އޮފް ޕޮލީސް ކަންބޮޑުވުން ފައުޅުކުރައްވާ، އެޤާޟީއަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއްކަމަށް އެބޭފުޅުންނަށް ފެނިވަޑައިގެތްކަމަށާއި، އެހިސާބުން އެބޭފުޅުންނަށް އެކަމުގައި އަޅުއްވާން ފެނިވަޑައިގަތް ފިޔަވަޅު އެޅުއްވުމުން ކަންތައް ވެގެންދިޔަގޮތް ހަނދުމަފުޅު ހުންނާނެކަން ފާހަގަކުރައްވަމުން މިހާރު އަނެއްކާވެސް އެބާވަތުގެ ކަންކަން ފަނޑިޔާރުގެޔާއި ގުޅޭގޮތުން ފާހަގަވަމުން އަންނަކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.