9 ޖުލައި 2009
ތިމަރަފުށި ދާއިރާގައި ތ ތިމަރަފުށީގައި ޖުލައި 2009 ދުވަހު އޮންނަ ވޯޓުލުމުގައި، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އެ ދާއިރާއިން ކުރި ހޯއްދަވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ ކުރައްވާ ކެމްޕެއިންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސް ވަފްދެއް މިއަދު ތިމަރަފުއްޓަށް ގޮސްފިއެވެ.
މި ވަފުދުގައި ހިމެނެނީ އެމްޑީޕީގެ ނާއިބް ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، އެމްޑީޕީގެ ތ ދާއިރާގެ ރައީސް ހަސަން އަފީފް އާއި، ފ ބިލެތްދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާ އާއި ޕާޓީގެ މ ދާއިރާގެ ރައީސް އަހުމަދު ޝަފީގުގެ އިތުރުން އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.
ތިމަރަފުށީގައި މި ޖުލައި މަހުގެ 11 ވާ ހޮނިހިރު ދުވަހު އަލުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޑީއާރުޕީގެ ކެންޑިޑޭޓް މުހައްމަދު ޣައްސާން މައުމޫން އެރަށުގެ ވޯޓު ބާތިލްކޮށްދިނުން އެދި ހައިކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ހައިކޯޓުން ބެލުމަށް ފަހު ތިމަރަފުށީގެ ދެ ވޯޓުފޮށީގެ ނަތީޖާވެސް ބާތިލްކޮށް އެރަށުގައި އަލުން ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ ލީޑަރޝިޕް ވަފުދުގެ ދަތުރާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މ ދާއިރާގެ ރައީސް އަހުމަދު ޝަފީގް ވިދާޅުވީ އެބޭފުޅުންގެ މިދަތުރުފުޅަކީ މުސްތަފާގެ ކެމްޕެއިންގައި އެހީތެރިވެދެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއް ކަމަށާއި، އެގޮތުން ތިމަރަފުށީގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި މިބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އަދި އެރަށުން އެބޭފުޅުންނަށް ފެނިގެންދިޔައީ ސުލްހަވެރި، އެކުވެރި ރައްޔިތަކު ކަމުގައިވެސް ވިދާޅުވިއެވެ.
“ތިމަރަފުއްޓަކީ އިންތިޚާބު ބޭއްވޭފަދަ ވެއްޓެއް ގާއިމް ކުރެވިފައިވާ އަމާން މާހައުލެއް އޮތް ތަނެއް ނޫން ކަމުގައި އިދިކޮޅު ފަރާތްތަކުން އެބަބުނޭ” ޝަފީގް ވިދާޅުވިއެވެ. “އެގޮތަށް ބަޔަކު ސިފަކުރަން މަސައްކަތްކުރި ކަމުގައި ވިޔަސް މިރަށުން އަޅުގަނޑުމެންނަށް މިފެންނަނީ ސުލްހަވެރި، އެކުވެރި ރައްޔިތަކު އަމާން އޮމާންކަމާއެކު ދިރިއުޅެމުންދާ މަންޒަރު.”
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާވެސް މިވަގުތު ތިމަރަފުށީގައި އެބަހުންނެވިއެވެ. މިވަފުދު އެބުރި މާލެ އަންނާނީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.