8 ޖުލައި 2009
މަތި އުތުރު ޕްރޮވިންސްގެ ހއ. އަތޮޅަށް ޑްރަގުގެ ވަބާ ފެތުރިފައިވީ ނަމަވެސް ހއ. ދިއްދޫ އަކީ އެއްގޮތަކަށްވެސް ޑްރަގުގެ ވަބާ ނެތް ރަށެއް ކަމުގައި އެ ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އަލްފާޟިލް އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިއްތިހާދުން މަސްތުވާތަކެއްޗާއި ދެކޮޅަށް ރޭ ހެދިގޮނޑު ދޮށުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ މިހާރު ދިއްދޫ ނަމޫނާ އަކަށް ބަލައިގެން އަތޮޅުގެ އެހެން ރަށް ރަށުން ވެސް މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި މި މަސައްކަތް ކާމިޔާބުކޮށް, ހއ. އަތޮޅަކީ ޑްރަގުން ސަލާމަތްވެފައިވާ ފުރަތަމަ އަތޮޅު ކަމުގައި ހަދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އާބާދީގައި ހަތަރުހާހަށްވުރެ ގިނަމީހުން ދިރިއުޅޭ ރަށަކުން މަސްތުވާތަކެތީގެ ވަބާ ނައްތާލީ ކިހިނެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށް ވިދާޅުވަމުން އާދަމް ނަސީރު ވިދާޅުވީ ދިއްދޫގެ ރައްޔިތުން މިކަން ކާމިޔާބުކުރީ ވަރަށް ބުރަ މަސައްކަތުން ކަމުގައެވެ.
” ދިއްދޫގެ ރައްޔިތުން ތިބީ އަމިއްލަ ދަރިއަކު މިފަދަ ކަމެއް ކުރިޔަސް އަތުގަ ހިފާލައިގެން ގޮސް ރަށުން ބާލާގޮތަށް. ޕޮލިހުންނާ ހަވާލުކުރާ ގޮތަށް. ” އޭނާ ވިދާޅުވިއެވެ. ” މިދިޔަ ސަރުކާރުން ދިއްދޫގައި ޑްރަގްގެ ވަބާނެތުމުން، ބަޔަކު މިކަން ފެތުރުމަށް ފޮނުވާފައިވޭ. އެހެން ނަމަވެސް އެބޭފުޅުންނަކަށް އެކަމެއް ނުވި. ދިއްދޫގެ ރައްޔިތުންވަނީ މިމީހުން ރަށުން ބާލާފަ.”
ހޯމް މިނިސްޓަރުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމަށް ވާހަކަ ދެކެވޭތީ އެކަމަށް ރައްދު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ހޯމްމިނިސްޓަރުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އުޅެނީ ޣައްސާނަށް ތިމަރަފުއްޓަށް ނޭރިގެނެއްނޫން ކަމަށާއި ޑްރަގުގެ ވިޔަފާރި ދަށަށްދާތީ ކަމުގައެވެ.