ރައީސް ނަޝީދު ވ. އަތޮޅުގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފި

photo

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި 5 ރަށުގެ ރަށު ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ހަފްތާ ބަންދުގެތެރޭގައި އެމްޑީޕީއިން ވ. އަތޮޅުގެ ރަށްތަކުގައި ކުރިޔަށް ގެންދިޔަ “އެއްބުރުން” ކެމްޕެއިންގެ ދަތުރު ތަކުގައި މިއަދު މެންދުރު ފަހު ވ. ފެލިދޫ ގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދެވި މަޝްވަރާ ބައްދަލު ކުރުމުގައި ވ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި، 5ރަށުގެ ރަށު ކައުންސިލުގެ މެމްބަރުންނާއެކު އަތޮޅުގެ ހާލަތާއި އަތޮޅުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ. މި މަޝްވަރާ ބައްދަލު ކުރުމުގައި ރައިސް ނަޝީދާއި، އެމަނިކުފާނުންގެ ޓީމުގެ އިތުރުން ފެލިދޫދާއިރާގެ މެމްބަރު ޔޫސުފު ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ. 

ހުކުރު ދުވަހު ވ. އަތޮޅަށް ފެށި “އެއްބުރުން” ކެމްޕެއިންގައި އެ އަތޮޅުގެ 5 ރަށުން އެމްޑީޕީއަށް ލިބޭ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ ވ. އަތޮޅުގެ ކޯޑިނޭޓަރުގެ ނައިބު ވިދާޅުވީ، ޒިޔާރަތް ކުރި ކޮންމެ ރަށަކުންވެސް އެމްޑީޕީގެ ކެމްޕެއިން ޓީމަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔައިފައިވާކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށް ވ. އަތޮޅު އެއްކޮންހެންއޮތީ އަތާ އަތްގުޅުވައިގެންކަމުގައެވެ.

އަދި ވ. އަތޮޅުން ޒިޔާރަތް ކުރި ރަށްތަކުގައި އެއްބުރުން ކެމްޕެއިން ހަރަކާތް ވަރަށް ފޯރީގައި ކުރިޔަށް ގެންދެވުނުކަމުގައި ފާހަގަ ކުރައްވައި މީގެ ތެރޭގައި، އަތޮޅުގެ ކޮންމެ ރަށެއްގައި ކެމްޕއިން ޖަގަހަ ހުޅުވުމާއި، ބޮޑު ދިދަ ނެގުމާއި، ރައްޔިތުންގެ ހާލު ބެލުމަށް ދޮރުން ދޮރަށް ހިނގުމާއި، ކަންމަތީ ބައްދަލުވުން ބޭއްވުމާއި އާއްމު ރައްޔިތުންނާ ބައްދަލު ކުރުމާއި، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތެރިންނާއި އަަދި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރުންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ރޭ ކެޔޮދޫގައި ބޭއްވި “އެއްބުރުން” ބޮޑު ޖަލްސާގައި ލިބުނު ތަރުޙީބަށް ބަލައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވ. އަތޮޅުން އެމްޑީޕީއަށް ވޯޓުލާނެ މީހުން ވަނީ އެތައް ގުނަޔަކަށް އިތުރުވެފައިކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން ވ. އަތޮޅުގެ ރަށްތަކުގައި ކުރިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިންގެ ދަތުރު ތަކުގައި މިއަދުގެ ހަވީރާ ހިސާބަށް ވަނީ އެއަތޮޅުގެ 5 ރަށަށް ދަތުރުކޮށްފައެވެ. އަދި މިދަތުރުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖްލިސްގެ ރައީސް އަބުދުﷲ ޝާހިދާއި، ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި، ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު އާޒިމާއި، ހުޅުމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބުދުﷲއާއި، އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ހަސަން ލަތީފާއި، ދާއިރާ ރައީސް އިސްމާއިލް ޝަފީޢުއާއި، ވ. އަތޮޅަށް އެމްޑީޕީއިން ކަނޑައަޅައިފައިވާ ކޯޑިނޭޓަރ މުޙައްމަދު ޝަފީގާއި، ނައިބު ކޯޑިނޭޓަރ އައިޝަތު ޖެނިފާ ހިމެނިވަޑައިގެންނެވިއެވެ.