އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ރޭގަ ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި އެމްޑީޕީއަށް 100 މީހުންގެ ސޮއިކުރި.

BNyNqgTCAAEboUR.jpg_large

ލިޔުނީ:ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން އަރި އަތޮޅު މަހިބަދޫ ދާއިރާގައި ކުރިިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިން ހަރަކާތުގެ ތެރެއިން ރޭ(27 ޖޫން 2013-ބުރާސްފަތި) މަހިބަދޫގައި ބޭއްވި އާއްމު ޖަލްސާގައި އެމްޑީޕީއަށް 100 މީހުން ސޮއި ކުރިކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރ ރުގިއްޔާ މުޙައްމަދު މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި، އދ. އަތޮޅުގެ 2 ދާއިރާގެ އަތޮޅު ކައުންސިލްގެ 2 މެމްބަރުން އެމްޑީޕީއަށް ސޮއިކުރެއްވިކަން ރުގިއްޔާ ޙާއްސަގޮތެއްގައި ފާހަގަ ކުރެއްވިއެވެ. ރޭގަ ސޮއިކުރި މެމްބަރުންގެ ގެތެރޭގައި ގިނައީ ޒުވާނުންކަމާއި، މާމިގިލި ދާއިރާގެ ކުރިން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާއި، މަހިބަދޫ ދާއިރާގަ ކުރިން ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި އަތޮޅު ކައުންސިލުގެ މެމްބަރު ހިމެނޭކަމަށް ރުގިއްޔާ ވިދާޅުވިއެވެ.

ރުގިއްޔާ ވިދާޅުވީ، 2008ވަނަ އަހަރާ އަޅާބަލާއިރު މިހާރު މަހިބަދޫ ދާއިރާގެ ކޮންމެ ރަށަކުން ފެންނަނީ އެމްޑީޕީއަށް ލިބޭ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަތަންކަމަށާއި، ހާއްސަކޮށް މަހިބަދޫ އިން 2013 ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އެއްބުރުން ހޮވުމަށް ރަށުގެ ބޮޑުބައި އެމްޑީޕީއާ އެއްކޮޅަށް ތިބިކަމަށް ވިދާޅުވިއެވެ.

މަހިބަދޫ ދާއިރާގައި މިހާރު އެއްމެ ފޯރީގައި ކުރިޔަށް ގެންދާ ކެމްޕެއިން އެއް ހަރަކާތަކީ، އެމްޑީޕީއިން މިހާތަނަށް ހާމަކޮށްފައިވާ ސިޔާސަތުތަކުގެ މައުލޫމާތު އާއްމުކޮށް ހިއްސާ ކުރުން ކަމުގައިކަމަށް ރުގިއްޔާ ވިދާޅުވިއެވެ.

ރޭގަ މަހިބަދޫގައި އެމްޑީޕީއިން ބޭއްވި “އެއްބުރުން” ޖަލްސާގައި ވާހަކަ ފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ އިތުރުން ޕާލިއަމަންޓަރީގުރޫޕުގެ ބައެއް ބޭފުޅުންނާއި ދާއިރާއަށް ކަނޑަ އަޅައިފައިވާ ކޯޑީނޭޓަރާއި، ދާއިރާގެ ބޭފުޅުން ހިމެނިވަޑައިގަތެވެ.