ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ މުއްސަނދި ޕާޓީކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ އަކީ މި ރާއްޖޭގައަ ހަމައެކަނި އޮތް އެންމެ މީހުން، މެމްބަރުން ގިނަ ޕާރޓީއެއް ނޫންކަމަށާއި އެއީ މިރާއްޖޭގައި އޮތް އެންމެ މުއްސަނދި ޕާރޓީ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ފައިސާގެގޮތުންވެސް ޚިޔާލުގެ ގޮތުންވެސް މެމްބަރުންގެ ގޮތުންވެސް” ރައީސް ނަޝީދު ރޭ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބޭއްވި އެމްޑީޕީގެ “އެއްބުރުން” ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އެމްޑީޕީއާއި ވާދަކުރެވޭނޭ އެއްވެސް ސިޔާސީ ކެންޑިޑޭޓެއް ނަގުދު ނޫޓުގައި ނޫޅޭނެ ކަމަށާއި އެހެން ހުރިހާ ބޭފުޅުންވެސް ޖެހޭނީ ބޮޑު ލާރީގައި ހުނި ޖަހަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންނާ އަޅުވާފާ ވަކި ފަރުދަކަށް ވިޔަސް އެހެން ކޮންމެ ޕާރޓީއަކަށް ޖެހޭނީ ހަމަ ބޮޑު ލާރީގައި ހުނި ޖަހަން” އެމަނިކްފާނު ވިދާޅުވިއެވެ. އެމްޑީޕީއާއި ވާދައަށް އެހެން އެއްވެސް ޕާޓީއަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެމްޑީޕީން “ރީދޫ ކުރާވަރަކަށް ރާއްޖެ ރީނދޫ އެއްވެސް ނުކުރެވޭނެ” ކަމަށް ރައީސް ނަޝީދު ރޭ މަހިބަދޫގައި ވިދާޅުވިއެވެ. އަދި އެމްޑީޕީން ދަތުރުކުރާވަރަކަށް އެހެން ޕާރޓީއަކަށް ދަތުރެއްވެސް ނުކުރެވޭނެކަމަށާއި ސިޔާސީ ޙަރަކާތް ހިންގާ މިންވަރާއި ގާތަށްވެސް އެހެން ޕާރޓީއަކަށް ސިޔާސީ ހަރަކާތްތައް ނުހިންގޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ދިވެހި ޑިމޮކްރެޓިކް ޕާރޓީގެ މެމްބަރުން. މީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް. ވާދަވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު، ޒިންމާދާރު ވާދަވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭނަން އަދި، ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން ތަރައްޤީ މި ރާއްޖެއަށް ގެނެސްދޭނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.
މަހިބަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ތަރައްޤީގެ ޕާރޓީއެއްކަމަށާއި އެމްޑީޕީގެ ޢަމާޒަކީ އަބަދުވެސް މިއަދު ރައްޔިތުންނަށް ލިބޭ އެއްޗަކަށްވުރެން ހެޔޮ އެއްޗެއް މާދަމާ ލިބޭނޭ ގޮތްތަކެއް ހޯދައިދިނުންކަމުގައެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ އެފަދަ ސިޔާސަތުތަކެއް ތަންފީޒު ކުރާނޭ ސަރުކާރެއް ދިވެހިރާއްޖޭގައި ޤާޢިމް ކުރުމަށްކަމުގައެވެ. “މި ޕާރޓީ އުފެދުނީއްސުރެން ފަށައިން އަޅުގަނޑުމެގެ މަސައްކަތަކީ އަޅުގަނޑުމެންގެ ޢަމާޒަކީ އެއް ޢަމާޒެއް އެއީ ތަރައްޤީގެ މަސައްކަތުގެ ޢަމާޒް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންތައް އެމްޑީޕީއަށް ވަރަށް ސާފުވާކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުވަނީ ބޯހިޔާވަހިކަމާއި، ރަށު ބަންދުގައި ނުތިބުމަށްކަމަށާއި، ބަލިވީމާ ބޭސްފަރުވާ ކުރެވޭނޭ ގޮތެއް ވުމަށާއި، ދަރިންނަށް ކިޔަވައި ދެވޭނޭ ގޮތެއް ހޯދުމާއި، ވަޒީފާގެ ފުރުސަތާއި، އަލަތު ކައިވެންޏާއި އެކީގައި ވަންނާނެ ގެއެއްކަމަށެވެ. އަދި ނިކަމެތި ފަޤިރުންގެ ގޮތުގައި ތިބެ ތަރައްޤީ ހޯދައިނުދެވޭނެ ކަމަށާއި އެމްޑީޕގެ އަމާޒަކީ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދީ ހިތްހަމަ ޖެހުމާއި އެކީގައި ރައްޔިތުންނަށް އުޅެވޭނޭ ގޮތްތަކެއް ހޯދައި ދިނުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި މަހިބަދޫގެ ތަރައްޤީއަށް ކުރެވިފައިވާ ކަންކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. “ރައްޔިތުންގެ ތަރައްޤީއަށްޓަކައި މިދިޔަ 5 އަހަރުގެ ތެރޭގައި ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި ވާކަމީ ލިބޭ ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް. މަހިބަދޫގެ ބަނދަރު ހެދުމާއި އަދި މަހިބަދޫގެ ނަރުދަމާގެ މަސައްކަތް އެކީގައި ނިންމުމާއި އަދި އޭގެ އިތުރުން މަހިބަދޫގެ މަދަރުސާ ތަރައްޤުކުރުމަށް ޓީޗަރުންނަށް ތަމްރީން ދިނުމާއި މަހިބަދޫގެ ހޮސްޕިޓާ ރަގަޅުކުރުމަށް ކިތައްމެ މަސައްކަތެއް ހިންގުމާއި، އެތަނަށް ޑޮކްޓަރުން އަޅުގަނޑުމެން ސަރުކާރުގައި ތިބި އިރުގައި 5 ޑޮކްޓަރުން ތިބިކަމުގައި ވަނީ ނަމަ މިއަދު ހުންނާނީ 1 ޑޮކްޓަރު” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ބިންވެރިކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި 2015 ވަނަ އަހަރުގެ ނިޔަލަށް މަހިބަދޫގެ ބިން ބޮޑުކޮށްދެއްވާނެ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ ދަތިކަން ޙައްލު ކުރުމަށް އިތުރ ގޯތި ދޫކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މަގުތަކުގައ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަހިބަދޫގައިވެސް ގެސްޓުހައުސް އެޅި އެކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ދަތުރުފަތުރުގެ ނިޒާމް ދެގުނައަށް ތަރައްޤީކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން އަރިއަތޮޅުގެ ހުރިހާ ރަށަކާއި ގުޅާލެވޭ ފެންވަރުގެ ފެރީޓަރމިނަލެއް މަހިބަދޫގައި ބިނާކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަސައްކަތް ރަށު ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްދެއްވާނެކަމަށާއި އެގޮތުން ރަށުކައުންސިލަށް މަދުވެގެން ފަސް މިލިއަން ރުފިޔާ މަހަކު ލިބޭނެ މިންވަރަށް ރަށު ކައުންސިލަށް އެސެޓް ލިބޭނެ ގޮތް ހައްދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.