އެމްޑީޕީގެ އާދަޔާޚިލާފް، އުފާވެރި، ހަރަކާތްތެރި، ކުލަގަދަ، އަދި ޒަމާނީ ޕެރޭޑުން ޕާޓީގެ ސިޔާސަތުތަކަށް އުތުރިއަރާ ތާޢީދު ހާމަވޭ.

untitled-0642

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ 8 ވަނަ އަހަރީ ދުވަސް މުނާސަބުކޮށް ޕާޓީން އިންތިޒާމްކުރި ރޭގެ (26ޖޫން 2013-ބުދަ) ޕެރޭޑު ސިފަކުރެވިގެންދިޔައީ އާދަޔާޚިލާފް، އުފާވެރި، ހަރަކާތްތެރި، ކުލަގަދަ، އަދި ޒަމާނީ އިންތިޒާމްތަކެއްގެ ގޮތުގައި ކަމަށާއި އެ ހިނގާލުމުގައި ބައިވެރިވެލެއްވި ރައްޔިތުންގެ އަދަދު ނިސްބަތުން ރެކޯޑް އަދަދަކަށް ގިނަވެގެންގޮސްފައިވަނީ ޕާޓީގެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ ތާއީދު އިރާދަފުޅާއެކު އިތުރުވަމުން އުތުރި އަރަމުން އަންނާތީ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.

އަރި އަތޮޅު ދެކުނުބުރިއަށާއި ވާވުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މާލޭން ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ “ދިވެހި ރައްޔިތުން އެހެންގޮތަކަށް ނޭދޭ، ރައްޔިތުން ބޭނުމީ ތަރައްގީ، އިރާދަފުޅާއެކު އެމްޑީޕީ މިއީ އެރައްޔިތުންގެ ވިންދާ ގުޅިފައިވާ ޕާޓީ، ރޭގެ ޕެރޭޑު ރަމްޒުކޮށްދިނީ އެ ތަރުހީބު” ކަމަށެވެ.

ސުނާމީ ބިނާ ކައިރިން ފެށި މިޕެރޭޑްގައި ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ގައުމީ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އެންމެހާ ގުނަވަންތަކުން މެމްބަރުން ބައިވެރިވެފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. ލައިޓް ސިސްޓަމަކާ އެކު ތައްޔާރުކޮށްފައި އޮތް ކުލައައްޔާއި ސައުންޑް ޕިކަޕް ގެ ފަހަތުން ބެރުވެރިންނާއި، ޕޮންޕޮން ގްރޫޕްތަކާއި ރީނދޫ ކުޑަ ހިފައިގެން ތިބި ގްރޫޕްތަކާ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. ޕާޓީގެ ރަންރީނދޫ ކުލައިން ނާށި، ރިބަން، ބޯޅަ އަދި ބޮލުގައި އަޅާ ރީނދޫ ވިގު ފަދަ އެތައް ދައްކާލުމެއް ޕެރޭޑް ގެ ބައިވެރިން ހާމަކުރަމުން ގެންދިޔައެވެ. ޕެރޭޑްގެ ބައިވެރިން އެތުރިގެން ތިބީ އަންހެނުންނާއި ފިރިހެނުންގެ ޒުވާން ގްރޫޕްތަކާއި ދުވަސްވީ މީހުންނާއި ދެބައި އުމުރުގެ މީހުން ވަކިކުރެވޭ ތަރުތީބަކުންނެވެ. ބޮޑުތަކުރުފާނު މަގުން، މަޖީދީމަގުން، ސްޓާ ސިނަމާ ކައިރިން، އަމީނީ މަގުން އެނބުރި އުސްފަސްގަނޑާ ހަމައަށް ބޭއްވުނު ހިނގާލުން ކުރިއަށް ދިޔައީ ޖޯޝް އާއި ފޯރި ގަދަ ރޫހެއްގައެވެ. އެމްޑީޕީގެ “އެއްބުރުން”ގެ އަޑު މުޅި ޕެރޭޑް ގައި ގުގުމަމުން ދިޔައިރު އެތައް ސަރަހައްދަކުން ތާއީދު ހާމަކުރުމުގެ ގޮތުން ބައިވެރިން މާފަތި އެޅުވުމާއި، ކަރުދާހު ކުނޑިއާއި ފުއްޕާހަންތަކުން މަރުހަބާ ކިޔާފައިވެއެވެ.

އެމްޑީޕީ ޕެރޭޑް ތެރެއިން ހާމަވެގެންދިޔަ އެއް އުސްއަލި ކަމުގައި ގިންމެމްބަރުންތަކެއް ދެކެނީ ވިލީ ފުލުސް އޮފީސް ކައިރިން ފުލުހުންތަކެއް ބައިވެރިންނާއި ސަލާމްކޮށްފައިވާތީ ކަމާއި އެއީވެސް މި ޕެރޭޑުގެ އާދަޔާޚިލާފްކަމުގެ ދަރަޖަ އިތުރުކޮށްދިން ހެޔޮފާލެއްކަމުގައި ގިނަ މެމްބަރުން ފާހަގަކޮށްފައި ވެއެވެ.