އުސްފަސްގަނޑުގައި އެމްޑީޕީން ހިންގަމުން ގެންދިޔަ ސިޔާސީ ހަރަކާތްތައް ރޭ 12 އިން ފެށިގެން ވަނީ ހުއްޓާލާފަ.

IMG_0488

ރައީސް މުހަންމަދު ނަޝީދު ގެ އެދިވަޑައިގެންނެވުމަކާ ގުޅިގެން މާލޭގެ އިރުމަތީ އަތިރީގައި އޮންނަ އުސްފަސްގަނޑުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން ހިންގަމުން އައި ސިޔާސީ ހަރަކާތްތައް މިޕާޓީގެ 8 ވަނަ އަހަރީ ދުވަސް ކަމުގައިވާ 26 ޖޫން 2013 ވީދުވަހުގެ ރޭގަނޑު 12:00 ން ފެށިގެން ވަނީ ހުއްޓާލާފައެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމާއި މެދު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް މެސެޖްގެ ޒަރީއާއިން ދަންނަވައި، އުސްފަސްގަނޑުގައި ހުރި އެމްޑީޕީ ގެ އެއްމެހާތަކެތިނަގައި ހުސްކޮށް 7 ދުވަހުގެ ތެރޭ މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް އެމްޑީޕީން ހަމަޖައްސައި، އެކަންކަން މޭޔަރ ޢަލީ މަނިކަށް މިއަދު ހެނދުނު ވަނީ ރަސްމީކޮށް ދަންނަވާފައެވެ.

ފާއިތުވި ތަނުގައި އުސްފަސްގަނޑާއި ސިޓީކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ އެހެން ބިންތައް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދޫކުރެއްވުމާއި، އަދި މިނިވަންކަމާއި އެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދެއްވުމަށް އެ ކައުންސިލުން ބަހައްޓަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި އެކައުންސިލްގެ މެމްބަރުންނަށާއި މޭޔަރ ޢަލީމަނިކަށް އެމްޑީޕީން ޝުކުރު ދަންނަވާކަމުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު މިއަދު ވިދާޅުވިއެވެ.