ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ގދ. ތިނަދޫއަށާއި ފުވައްމުލަކަށް ކުރައްވަވާ ދަތުރުފުޅުގައި މިއަދު ކަންނެލި އޮޑިއެއްގައި ފުވައްމުލަކަށް ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގެ ބޭނުމަކީ އެމްޑީޕީގެ ސަރުކާރުގައި ކުރައްވާނެ ކަންކަމާއި މެދު މަޝްވަރާ ކުރެއްވުމެވެ. އަދި އޭގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި ރިޔާސީ ކެމްޕޭން ކުރައްވާ ހަރަކާތްތެރިންނާއި ބައްދަލުކުރެއްވުމެވެ.

ފުވައްމުލަކުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާއެއް ދެންނެވިއެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ މާލެގަނަށެވެ. މާލެގަންގައި އެމަނިކުފާނުވަނީ އެމްޑީޕީގެ ކެމްޕޭން ޖަގަހައެއްވެސް ހުޅުއްވަވާދެއްވާފައެވެ. ޖަގަހަ ހުޅުއްވަވާދެއްވުމައްފަހު އެމަނިކުފާނު ދެންވަޑައިގެންނެވީ ދަޑިމަގުއަވަށުގައި “ދޮރުން ދޮރަށް” ހިންގެވުމަށެވެ. ދޮރުން ދޮރަށް ހިންގެވުމައްފަހު ދަޑިމަގު އެމްޑީޕީ ކެމްޕޭން ޖަގަހައަށް ޒިޔާރަތް ކުރެއްވިއެވެ. ދަޑިމަގު ޖަގަހައިގައި ރައީސް ނަޝީދު ދަޑިމަގު އަވަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އެއައްފަހު މާދަޑު އަވަށެކޭ އެއްފަދައިން ދަޑިމަގުގައިވެސް އެމަނިކުފާނު ދޮރުން ދޮރަށް ހިންގެވިއެވެ. އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގެންނެވީ މާދަޑު އަވަށަށެވެ. މާދަޑު އަވަށުގައި އެމްޑީޕީގެ ޒުވާނުންނާއި ބައްދަލުކުރައްވަވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އިންތިޚާބެއް ކާމިޔާބު ކުރަން ނޫން ކަމަށާއި، އެމްޑީޕީގެ މަޤްޞަދަކީ ގައުމު ތަރައްގީ ކުރުަން ކަމަށެވެ. އަދިޒުވާނުން އުންމީީދު ނަގާ ނުލެއްވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވެވިއެވެ. އެއަށްފަހު ދެން އެމަނިކުފާނު އަނެއްކާވެސް ދޮރުން ދޮރަށް ހިންގެވުމަށް ދޫޑިގަމް އަވަށަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ފުވައްމުލަކުގެ އަމިއްލަ ޖަމްޢިއްޔާ، އޯ]ޕަން ހޭންޑާއި ބައްދަލުކުރައްވާފައެވެ.

މިރޭ ފުވައްމުލަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ބޮޑު ޖަލްސާއެއް މާދަޑު އަވަށު ބޯޅަދަނޑުގައި އޮންނާނެއެވެ.