އެމްޑީޕީގެ އަހަރީ ދުވަހުގައި އަންހެނުންގެ ރޫޚްގެ ފަރާތުން ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ

ދިވެހިރައްޔިތުންހެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި ރަށްރަށުގައި އެމްޑީޕީ އަންހެނުންގެ ރޫޚްގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫޚްގެ ފަރާތުން ހާމަކޮށްފިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ރަށްރަށުގައި ޚާއްޞަ ހަރަކާތްތަކާއި ބެހޭގޮތުން އަންހެނުންގެ ރޫޚްގެ ރައީސް އައިޝަތު ޝިޔާމާ ވިދާޅުވީ މާދަމާ (26ޖޫން 2013 – ބުދަ) ހަވީރު 4ކުން ފެށިގެން ރަށްރަށުގައި އެކިއެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ބަށިކުޅުމާއި ރިލޭ ދުވުމާއި ކޭކު އެޅުން ފަދަ އެތައް ހަރަކާތްތައް ހިނގާނެ ކަމަށް ޝިޔާމާ ވިދާޅުވއެވެ. ރަށްރަށުގައި ހިންގާ ހަރަކާތްތައް ހަވީރު 4ކުން ފެށިގެން މަޣްރިބް ނަމާދާ ހަމައަށް ކުރިއަށް ދާނެ ކަމަށާއި އެއަށްފަހު ރޭގަނޑު 8ގަޑި ބައިގައި އަހަރީ ދުވަހުގެ ހަރަކާތްތައް އަލުން ފެށިގެންދާނެ ކަމަށްވެސް ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާޅުވީ މާދަމާރޭ މާލޭގެ އުސްފަސްގަނޑު އަދި ރަށްރަށުގެ ހަރުގެތަކުން ފެށޭ އެމްޑީޕީން ބާއްވާ ބޮޑު ޕެރޭޑްގައިވެސް އަންހެނުންގެ ރޫޚްގެ ބޮޑު ބައިވެރިވުމެއް ފެނިގެންދާނެ ކަމަށާއި އެކަމަށް މިހާރު ތައްޔާރު ވަމުންދާ ކަމަށް ވިދާޅުވިއެވެ.